ލުބުނާނުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާއަތެއް ކަމަށްވާ ހިޒުބުﷲއާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާނެކަމުގެ އިންޒާރު އިޒްރޭލްގެ ބޮޑުވަޒީރު ނަތަންޔާހޫ ދީފި އެވެ.
ނަތަންޔާހުގެ މި އިންޒާރު އައީ ހިޒުބުﷲ އާ ހަނގުރާމަ ކުރުމަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް އިޒްރޭލްގެ ދިފާއީ ބާރު، އައިޑީއެފުން އިއުލާން ކުރުމާ ގުޅިގެންނެވެ.
އިޒްރޭލްގެ ހުޅަނގުން ލުބުނާނުގެ ބޯޑަރު ކައިރިއަށް ކުރެއްވި ޒިޔާރަތެއްގައި ވާހަކަދައްކަމުން ނަތަންޔާހޫ ބުނީ "އަހަރެމެންނަށް ގެއްލުންދޭ ބަޔަކާ ދެކޮޅަށް ފިޔަވަޅު ނާޅައި މަޑުން ތިބޭނެ ކަމަށް ބަޔަކު ހީކުރާނަމަ އެއީ ބޮޑު ކުށް ހީއެއް" ކަމަށެވެ.
"އަހަރެމެން މިހާރު މިވަނީ މި ގައުމުގެ އުތުރު ބޯޑަރު ހުރަސްކޮށް ވަރުގަދަ ހަމަލާއެއް ދިނުމަށް ތައްޔައްޔާރުވެފައި. އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުން ވެސް އަހަރެމެން، އަހަރެމެންގެ ގައުމުގެ ސަލާމަތް ކަށަވަރުކުރާނަން،" ނަތަންޔާހޫ ބުންޏެވެ.
އިޒްރޭލްގެ ހުޅަނގުފަރާތުގައި މިވަގުތު ދަނީ ވަރުގަދަ އަލިފާންގަނޑެއް ފެތުރެމުންނެވެ. އެއީ ހިޒުބުﷲގެ ރޮކެޓް ހަމަލާގެ ސަބަބުން ރޯވި އަލިފާނެކެވެ. އިޒްރޭލުން ބުނާގޮތުގައި ހިޒުﷲގެ ހަމަލާތަކާ ހެދި ގާތްގަނޑަކަށް ލައްކައެއްހާ މީހުން ވަނީ ލުބުނާންގެ ބޯޑަރު ކައިރީން އެހެން ހިސާބުތަކަށް ބަދަލު ކޮށްފަ އެވެ.
ގާޒާގެ ހަނގުރާމަ ފެށުނީއްސުރެ ހިޒުބުﷲ އިން އިޒްރޭލަށް ރޮކެޓް ހަމަލާތައް އަންނަނީ ދެމުންނެވެ. އެ ހަމަލާތަކުގައި މާގިނަ ބަޔަކަށް ގެއްލުން ނުވިކަމުގައި ވިޔަސް އެހިސާބުގަނޑުގެ ޖަންގަލީގައި ރޯވެ ބޮޑު ބައެއް ވަނީ އަނދާފަ އެވެ. އިޒްރޭލުން ބުނާގޮތުގައި މިހާތަނަށް 3،500 އޭކަރަށް ވުރެ ބޮޑު ސަރަހައްދެއްގެ ޖަންގަލި ވަނީ އަނދާ ހުލިވެފަ އެވެ. އަލިފާން ނިއްވާ މީހުންނަށް މި އަލިފާން ނިއްވުމަށް ބޮޑެތި ގޮންޖެހުންތަކަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ.
އިޒްރޭލްގެ ދިފާއީ އިދާރާގެ ފަރާތުން ވާހަކަ ދެއްކި އޮފިޝަލަކު އަންގާރަ ދުވަހު ބުނިގޮތުގައި ހިޒުބުﷲގެ ރޮކެޓް ހަމަލަތައް އިޒްރޭލަށް މެދު ނުކެނޑި އަންނަތާ މިހާރު ކިތަންމެ ދުވަހެއް ވެއްޖެ އެވެ. އެހެންކަމުން ހިޒުބުﷲއަށް އޭގެ އަގު ވަރަށް ބޮޑުކޮށް ދައްކަން ޖެހޭނެ އެވެ. އޭނާ އިތުރަށް ބުނި ގޮތުގައި އިޒުރޭލުން މިހާރު ވަނީ ހިޒުބުﷲ ނައްތާލުމަށް ދޭންޖެހޭ ހަމަލާތަކަށް ފުރިހަމައަށް ތައްޔާރުވެ އޭގެ ތަމްރީނުތައް ހަދާ ނިންމާފަ އެވެ. އެކަމަށްޓަކައި ބޭނުންވާ ދިފާއީ ތައްޔާރުތަކާ ވަސީލަތްތައް ވެސް ފުރިހަމަ ކޮށްފައިވާކަމަށް ވެސް ބުންޏެވެ. އެހެންކަމުން މިވަގުތު ކުރިޔަށް ދަނީ ހަމަލަ ދިނުމާ މެދު އެންމެ ފަހުގެ ނިންމުން ނިންމުމުގެ މަރުހަލާ އެވެ.
އައިޑީއެފްގައި ކުރިން މަސައްކަތް ކޮށްފައިވާ ރިޓަޔާޑް މޭޖަރަކު ބުނިގޮތުގައި ލުބުނާންގެ ބޯޑަރާ ކައިރީގައި ދިރިއުޅޭ އިޒްރޭލްގެ ރައްޔިތުންނަށް ސަލާމަތްތެރިކަން އޮތީ ހިޒުބުﷲ ނެތިކޮށްލައިގެންނެވެ. އޭނާ ބުނިގޮތުގައި ހިޒުބުﷲގެ ބާރު މިހާރު ހުރިގޮތަށް ހުރި ކަމަށް ވަންޏާ ބޯޑަރު ކައިރިން ދުރަށް ދިޔަ ރައްޔިތުން އަނބުރާ ނާންނާނެ އެވެ. އެމީހުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރެވެން އޮތީ ކޮންމެ ގޮތަކުން ނަމަވެސް ހިޒުބުﷲ ނައްތާލައިގެންނެވެ.
ހިޒުބުﷲގެ ޑެޕިއުޓީ ލީޑަރު ނައީމް ގާސިމް އަލްޖަޒީރާއަށް ދެއްވި އިންޓަވިއު އެއްގައި ވިދާޅުވީ އެމީހުންގެ ވިސްނުމަކީ ހަނގުރާމަ އިތުރަށް ފުޅާ ނުކުރުން ކަމަށެވެ. ނަމަވެސް ގާޒާގެ ހަނގުރާމަ ނުހުއްޓެނީސް އިޒްރޭލަށް ދޭ ހަމަލަތަކަށް ހުއްޓުމެއް ނާންނާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ގާޒާގެ ހަނގުރާމަ ވަކި ކޮޅެއްގައި ނުޖެހި ދިގުލައިގެންދިއުމުގެ ސަބަބުން ބައިނަލްއަގުވާމީ ފިއްތުންތަކާއި އެމެރިކާގެ ބާރުއެޅުމާއެކު ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމަކަށް އަންނަން ނަތަންޔާހޫއަށް މިވަގުތު އަންނަނީ މަޖުބޫރު ވަމުންނެވެ. ގާޒާގެ ހަނގުރާމަ ހުއްޓުމަށް އިޒްރޭލުން ހުށަހަޅާ މައިގަނޑު ޝަރުތަކީ ހަމާސްގެ ބާރު އެއްކޮށް ކަނޑުވާލުން ކަމުގައި ވާއިރު، ހަމާސްއަށްފަހު ހިޒުބުﷲގެ ބާރު ވެސް ކަނޑުވައިލައިގެން މެނުވީ އިޒްރޭލަށް ސަލާމަތެއް ނެތް ކަމަށް އެ ގައުމުން ދެކެ އެވެ.
އިޒްރޭލުން އެގައުމުގެ ހުޅަނގު ބޯޑަރު ހުރަސްކޮށް ލުބުނާނަށް ހަމަލަ ދިނުމުގެ އިންޒާރު ދެމުން ގެންދާއިރު އެމެރިކާ އިން ބުނަނީ ލުބުނާއެކު އިޒުރޭލުން ބޮޑު ހަނގުރާމައަކަށް ދިއުމަކީ އެމެރިކާ ރުހޭ ކަމެއް ނޫން ކަމަށެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މައްސަލަތަކަށް ސުލްހަ ވެރި ހައްލެއް ހޯދަން ބޭނުންކަމުގައި އިޒްރޭލުން ވެސް ބުނާ ކަމަށާއި އެމެރިކާގެ ވިސްނުމަކީ އެފަދަ ހައްލަކަށް އިޒްރޭލް ދިއުމެވެ.