ރާއްޖެ ވަށާއިގެންވާ އަވަށްޓެރި ގައުމުތަކުން ރާއްޖެ ހިފުމުގެ ބިރު އެބައޮތް ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
އާޒިމް މިހެން ވިދާޅުވީ އުތުރު ތިލަފަޅުގެ މައްސަލައިގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލައާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
މިމައްސަލައިގައި ވާހަކަފުޅު ދައްކަވަމުން އާޒިމް ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ބައިތިއްބަނީ ދީނީ ހަރުކަށި ފިކުރުގެ މީހުންނާ ހަނގުރާމަކުރުމުގެ ގާބިލުކަން ރާއްޖޭގައި ނެތުމުންކަމަށާއި ރާއްޖެއަށް އިންޑިއާގެ އެހީ ބޭނުންވަނީ ހަރުކަށި ފިކުރުގެ މީހުންނާ ހަނގުރާމަ ކުރުމަށް ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
"މި ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ އިންޑިއާ ކަނޑުގެ ހަމަޖެހުން. އަޅުގަނޑުމެން ބޭނުންވަނީ އިންޑިޔާ ކަނޑުގެ ނުރައްކަލުން ސަލާމަތްވާން. އަޅުގަނޑުމެންނަކީ ނާޒުކު ގައުމެއް. ވަށައިގެން މިއޮތް ގައުމުތައް މިތަނަށް އަރާ މިރާއްޖެ ހިފުމުގެ ބިރު އަޅުގަނޑުމެންނަށް އެބައޮތް. ދީނީ ހައްދުފަހަނައަޅާފައިވާ މީހުންގެ ނުރައްކާތެރިކަން އިންތިހާއަށް އެބައޮތް. އެހެންވެގެން އަޅުގަނޑުމެން މިކަން މިކުރަނީ. އެ ފަރާތްތަކާ ދޭތެރޭގައި ހަނގުރާމަކުރުމުގެ ގާބިލްކަން ހަގީގަތުގައި ނެތް. މީހަގީގަތް. ހަގީގަތް މިއަދު ހާމަކުރަން ޖެހޭ. އެހެންވެގެން މިއަދު އަޅުގަނޑުމެން ދޭދޭ ގައުމުގެ އެހީތެރިކަން ބޭނުންވަނީ. އަޅުގަނޑުމެން ބޭނުންވަނީ އިންޑިއާގެ އެހީ އެކަންޏެއް ނޫން. އެމެރިކާ ޖަޕާން އިނގިރޭސި ވިލާތުގެ އެހީތެރިކަން ވެސް ބޭނުންވޭ،" އާޒިމް ވިދާޅުވީ މިމައްސަލަ މިވާހަކަ މިދައްކަން ފެށީ ޗައިނާއިން އެ ބޭފުޅުންނާ ދޭތެރޭގައި ނުވަތަ އިއްޒަތްތެރި މެމްބަރަށް ފައިސާގެ ހުށައެޅުމެއް ހުށައަޅައިގެން ކަމަށް ދެކޭ ކަމަށެވެ.
މި މައްސަލަ ހުށައަޅުއްވަމުން ޝިޔާމް ވިދާޅުވީ މިހާރު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެކި މަސައްކަތްކުރުމުގެ ނަމުގައި ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ގާއިމުވެ ތިބިއިރު، އެ ސިފައިންގެ އަދަދު ހާމަކުރަން ސަރުކާރުން ދެކޮޅު ހަދާ ،އެ ސިފައިންނަށް ދިވެހި ދައުލަތުން ޚަރަދުތަކެއް ކުރަމުންދާއިރު، ރައްޔިތުންގެ ޓެކުސް ފައިސާއިން، ދިވެހި ދައުލަތުގެ މާލިއްޔާއިން އެ ސިފައިންނަށް ކުރަމުންދާ ޚަރަދުގެ ތަފުޞީލުތައް ވެސް ހާމަކުރުމަށް ދިވެހި ސަރުކާރުން އިންކާރުކޮށްފައިވާ ކަމަށެވެ.
މިފަދަ ޚުޠޫރަތްތެރި ތުހުމަތެއް ކުރެވޭ ޙާލަތުގައި މިއީ ރާއްޖޭގެ ސަލާމަތަށް އަދި ގައުމުގެ އެންމެ މަތީ މަސްލަހަތުތަކަށް ބުރޫއަރާނެ ފަދަ އެއްބަސްވުމެއް ކަމުގައި ބެލެވޭތީ އެ މައުލޫމާތުތައް ހާމަކުރުމަށް ކުއްލި މައްސަލައެއް ހުށައަޅުއްވާ ކަމަށެވެ.