މުޖުތަމައުގައި ހަމަނުޖެހުން އުފެދިދާނެ ކަމަށް ބުނެ އިއްޔެ ރިލީޒް ކުރަން އޮތް ބޮލީވުޑްގެ ފިލްމް "ހަމާރޭ ބާރަހް" ރިލީޒް ކުރުން މުމްބާއީގެ ހައިކޯޓުން ހުއްޓުވައިފި އެވެ.

އިންޑިއާގައި ބޮޑު މައްސަލައަކަށް ވެފައިވާ އާބާދީ އިތުރުވުމުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ އެ ފިލްމު ރިލީޒް ކުރުން މަނާކޮށްފައިވަނީ ރިލީޒް ކުރަން ހަމަޖެހިފައިވާ ތާރީހުގެ ދެ ދުވަސް ކުރިންނެވެ.

ފިލްމުގެ ބޮޑު ރިލީޒްއަށް ޕްރޮޑިއުސަރުން އެތައް ހަރަދެއް ކޮށް ތައްޔާރުވެފައި ވަނިކޮށް ކޯޓުގެ މި އަމުރު ނެރުމުން ޕްރޮޑިއުސަރުންނަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.

ފިލްމު ރިލީޒް ކުރުން ހަފްތާއަކަށް މަޑުޖައްސާލުމަށް ނެރުނު އަމުރުގައި އިތުރަށް ބުނެފައިވަނީ މުޖުތަމައުގެ އަމަންއަމާން ކަމާއި ސުލްހައަށްޓަކައި އެ ފިލްމު އަލުން ސްކްރީން ކުރަންޖެހޭ ކަމަށެވެ.

މިކަމާ ގުޅިގެން ފިލްމުގެ ޕްރޮޑިއުސަރުން ބުނެފައިވަނީ އެ ފިލްމަށް ސެންސާ ބޯޑުގެ ކްލިއަރަންސް ލިބިފައިވާ ވަނިކޮށް ކޯޓުން ނެރުނު އެ އަމުރާއެކު އެތައް ކްރޯޑް ރުޕީސްއެއްގެ ގެއްލުން ވާނެ ކަމަށެވެ.

"ހަމާރޭ ބާރަހް" ފިލްމުގެ ލީޑު ރޯލުތަކުން ފެނިގެންދާނީ މަޝްހޫރު އެކްޓަރު އަންނޫ ކަޕޫރުގެ އިތުރުން މަނޯޖް ޖޯޝީއާއި ޕަރިތޯޝް ޓްރިޕާތީ އެވެ.