މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރި ހުރިހާ ހައްޖާޖީން ސައުދީ އަރަބިއްޔާގައި ތިބި ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފި އެވެ.

މި އަހަރު ހައްޖަށް މީހުން ގެންދިޔައީ ހަމައެކަނި ހައްޖު ކޯޕަރޭޝަނުންނެވެ. އަމިއްލަ ކުންފުނިތަކުގެ ހަވާލުގައި އެއްވެސް ހައްޖާޖީއަކު ސައުދީ އަށް ނުގެންދެ އެވެ.

ހައްޖާޖީން މިފަހަރު ސައުދީއަށް ގެންދިޔައީ ތިން ފުލައިޓެއްގަ އެވެ. ހައްޖުވެރިންގެ ފުރަތަމަ ގުރޫޕު ފުރީ މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހު އެވެ. އެ ގުރޫޕުގައި 298 ހައްޖުވެރިންނާއި 26 އެހީތެރިން ސައުދީއަށް ދިޔަ އެވެ.

ހައްޖާޖީންގެ ދެވަނަ ގުރޫޕު ފުރީ މި މަހުގެ ތިންވަނަ ދުވަހު އެވެ. އެ ގުރޫޕުގައި 330 ހައްޖުވެރިންނާއި 23 އެހީތެރިން ހިމެނެ އެވެ. ތިންވަނަ ގުރޫޕު ފުރީ އިއްޔެ އެވެ. އެ ގުރޫޕުގައި 316 ހައްޖުވެރިންނާއި 23 އެހީތެރިން ހިމެނެ އެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ ތިން ވަނަ ފްލައިޓުގައި މާލެ އިން ޖިއްދާ އަށް ދަތުރު ކުރި ހައްޖާޖީން މިހާރު މައްކާ އަށް ގޮސްފައިވާ ކަމަށެވެ. އަދި އެއް ވަނަ ފްލައިޓުގައި ދަތުރު ކުރި ހައްޖާޖީން މަދީނާ އިން މައްކާ އަށް ދަތުރު ކުރަމުންދާ ކަމަށާއި ދެ ވަނަ ފްލައިޓުގައި ދަތުރު ކުރި މީހުން ވެސް މައްކާ އިން މަދީނާ އަށް ދަތުރު ކުރަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ މައްސަލައެއް ދިމާ ނުވެ މި އޮޕަރޭޝަން ކާމިޔާބު ކަމާއެކުގައި ނިންމާލެވުމުން އުފާ ކުރާ ކަމަށެވެ. އަދި މިކަމުގައި ހައްޖު ކޯޕަރޭޝަންގެ މުވައްޒަފުން އަދި ހައްޖުގެ އެހީތެރިން ކުރި ބުރަ މަސައްކަތަށް ޝުކުރު އަދާ ކުރާ ކަމަށް ވެސް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.