މީގެ ދެ އަހަރު ކުރިން، 2022 ވަނަ އަހަރުގެ އޮސްކާ އެވޯޑްސްގެ ތެރެއިން ހިނގި "ސްލެޕްގޭޓް" ހާދިސާއަށްފަހު ވިލް ސްމިތު އެނބުރި ސިނަމާއަށް އައިސްފި އެވެ.

އެގޮތުން ވިލްގެ "ބޭޑް ބޯއީސް 4" މިދިޔަ ހުކުރު ދުވަހު ސިނަމާތަކުގައި އަޅުވާފައިވާއިރު، އެ ފިލްމަށް އާއްމުންގެ ފަރާތުން ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ. ހުކުރު ދުވަހު ލޮސް އެންޖެލަސްގައި ފިލްމު ދެއްކި ސިނަމާއަކަށް ވިލް ގޮސްފައިވާއިރު އެތަނުން ވެސް އޭނާއަށް ގިނަ ބައެއްގެ ތަރުހީބު ލިބިފައިވެ އެވެ.

މި ފިލްމަކީ އޮސްކާގެ އެ ހާދިސާއަށްފަހު މެއިންސްޓްރީމް ހޮލީވުޑްގެ ބޮޑު ފިލްމަކުން ވިލް ފެނިގެންދާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލަން ޖެހެ އެވެ.

އެ ފަހަރުގެ އޮސްކާ އެވޯޑްސްގެ ތެރެއިން ވިލް ވަނީ ސްޓޭޖަށް އަރައި އެ އިވެންޓް ހުށައަޅައިދޭން ހުރި ކްރިސް ރޮކްގެ މޫނުމަތީގައި ޖަހާފަ އެވެ.

ހަބަރުތައް ބުނާ ގޮތުގައި ވިލް ކްރިސްގެ މޫނުމަތީގައި ޖަހާފައި ވަނީ ވިލްގެ އަންހެނުންނާ ބެހޭ ގޮތުން ކްރިސް ބޭނުންކުރި ބަހެއްގެ ސަބަބުންނެވެ.