ދައުލަތުގެ މުއައްސަސާތަކުން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ބޭނުންކުރަމުންދާ "އީފާސް" އެޕްލިކޭޝަންގެ "ފޭސް ރިކޮގްނިޝަން" ބަލެހައްޓަމުންއައި އިޒްރޭލު ކުންފުނިން އެމަސައްކަތް ވަކިކުރުމަށްފަހު އެހެން ކުންފުންޏެއް ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.

ސޯޝަލް މީޑީއާގައި އީފާސްއިން ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ އީފާސްގައި ބޭނުންކުރަމުން އަންނަ ފޭސް ވެރިފިކޭޝަންގެ ވެންޑާ ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާތީ, އީފާސްގެ ފޭސް ވެރިފިކޭޝަންގެ ހިދުމަތް މެދުކެނޑިފައިވާކަމަށެވެ. އަދި އީފާސް ވެރިފައިކުރައްވަން ބޭނުންވާ ފަރާތްތަކުން ނެޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)އަށް އީމެއިލްކުރެއްވުމަށްވެސް ވަނީ އެދިފަ އެވެ.

އީފާސްގެ ފޭސް ރިކޮގްނިޝަން ހިދުމަތް ބަލަހައްޓަމުން އައި "ސަމްސަބް" ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ. އެއީ އިޒްރޭލު މީހުން އިނގިރޭސިވިލާތުގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެކެވެ.

އެ ކުންފުނީގެ ފައުންޑަރުންނަކީ ވެސް އަދި ހިންގުމުގެ އިސްވެރިންނަކީ ވެސް އިޒްރޭލުގެ މީހުންނެވެ.

އިޒްރޭލުގެ ޕާސްޕޯޓް މަނާކުރަން އިމިގްރޭޝަންގެ ގާނޫނަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހްމަދު ނަސީމް ހުށަހެޅުއްވި އިސްލާހު ބަލައިގަނެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.