ތެލް އަވީވް (ޖޫން 17) - އިޒްރޭލުގައި އުފައްދާފައި އޮންނަ ހަނގުރާމައިގެ ކެބިނެޓުގެ ތެރޭގައި މައްސަލަ ޖެހި، އެންމެ ފަހުން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެ ކެބިނެޓް އުވާލައިފި އެވެ.

ހަ މެންބަރުން ހިމެނޭ ކެބިނެޓުން ކުރިން ވަނީ އިދިކޮޅު ލީޑަރެއް ކަމަށްވާ ބެނީ ގާންޒާއި އޭނާގެ ބައިވެރިޔާ ގާޑީ އެިސެންކޮޓް ވަކިވެފަ އެވެ. މީގެ އަށް ދުވަސްކުރިން ގާންޒް ހަނގުރާމައިގެ ކެބިނެޓުން ވަކިވެފައި ވަނީ ނަތަންޔާހޫގެ އެއްވެސް ރޭވުމެއް ނެތް ކަމަށް ބުނެ އެވެ.

ގާންޒާއި އެއިސެންކޮޓް، ނަތަންޔާހޫގެ ސަރުކާރާ ގުޅިފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ހަމާސްއާ ދެކޮޅަށް އިޒްރޭލުން ހަނގުރާމަ ފެށިތާ ދުވަސްކޮޅެއް ފަހުންނެވެ.

ހަމާސްއާ ދެކޮޅަށް އިޒްރޭލުން ގާޒާގައި އޮކްޓޯބަރު 7 ވަނަ ދުވަހު ހަނގުރާމަ ފެށި ފަހުން މިހާތަނަށް ވަނީ 37،340 މީހުން މަރުވެފަ އެވެ. ހަނގުރާމައިގެ ކެބިނެޓް އުފެއްދީ ގާޒާ ހަނގުރާމަ ފެށިތާ ފަސް ދުވަސް ފަހުން، އޮކްޓޯބަރު 11 ގަ އެވެ.