ލައިޕްޒިގް (18 ޖޫން) – ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ފްރެންޗިސްކޯ ކޮންސެސާއޯ މެޗުގެ އިތުރު ވަގުތުގައި ޖެހި ލަނޑާއެކު ޔޫރޯގެ ގުރޫޕް އެފްގައި މިރޭ ޗެކް ރިޕަބްލިކް އަތުން 2-1 އިން ޕޯޗުގަލް މޮޅުވެއްޖެ އެވެ.

ކޮލިފައިންގައި ކުޅުނު މެޗަކުން ބަލިނުވެ، މުބާރާތުގެ ފޭވަރިޓަކަށްވިޔަސް، މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ޕޯޗުގަލް ތިން ޕޮއިންޓް ހޯދީ ފަހު ވަގުތެވެ.

މެޗުގެ ބޮޑުބައި ޑިފެންސްކުރުމުގައި ހޭދަކުރި ނަމަވެސް ޕޯޗުގަލް ސިއްސުވާލުމަށްފަހު ޗެކް ރިޕަބްލިކުން ލީޑު ނެގީ މެޗުގެ 62 ވަނަ މިނިޓުގައި ލޫކަސް ޕްރޮވޯޑް ޖެހި ލަނޑުންނެވެ.

އެކަމަކު ޗެކް ރިޕަބްލިކަށް މާ ގިނައިރަކަށް ލީޑު ނުހިފެއްޓުނެވެ. މެޗުގެ 69 ވަނަ މިނިޓުގައި ޗެކް ރިޕަބްލިކްގެ ގޯލްކީޕަރު ޖިންޑްރިކް ސްޓާނެކް ދިފާއުކުރި ބޯޅައެއް އެ ޓީމުގެ ޑިފެންޑަރު ރޮބިން ހްރާނަކް އަތުން ވަނީ ބައިކޮޅަށް ވަދެފަ އެވެ.

ޕޯޗުގަލްއަށް މޮޅަކާއެކު ސަލާމަތްވެވުނީ މެޗުގެ އިތުރު ވަގުތުގައި ކޮންސެސާއޯއަށް ލިބުނު ފުރުސަތުގެ ބޭނުން ހިފުމުންނެވެ.