ޕެންކްރިއަސް ނުވަތަ ދިވެހި ބަހުން ބުނާ ނަމަ ޗިސްމޭއަކީ މުހިއްމު ހޯމޯނެއް ކަމަށްވާ އިންސިއުލިން އުފައްދާ ގުނަވަނެކެވެ. އިންސިއުލިންއަކީ ލޭގައި ހަކުރު ނުވަތަ ގުލްކޯޒް ހުންނަ މިންވަރު ހިފަހައްޓަން އެހީތެރިވެދޭ ހޯމޯނެކެވެ. ޗިސްމޭގައި މައްސަލަ އުފެދި, އިންސިއުލިން އުފައްދާ މިންވަރަށް ބުރޫއަރާނަމަ ހަކުރުބަލި ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

ހަށިގަނޑުގެ ގުނަވަންތައް

ހަށިގަނޑުގައި ޕެންކްރިއަސް ނުވަތަ ޗިސްމޭގެ ރޯލު ޗިސްމޭއަކީ ބަނޑުގެ ފަހަތުގައި އިންނަ ގުނަވަނެކެވެ. އޭގެ މައި ރޯލަކީ ކާއެއްޗެހި ހަޖަމުކުރުމަށް ބޭނުންވާ ޑައިޖެސްޓިވް އެންޒައިމްސް އުފެއްދުމެވެ. މި ގުނަވަނުގެ މުހިއްމު އަދި އަނެއް ރޯލަކީ އިންސިއުލިން އުފެއްދުމެވެ. އިންސިއުލިން އުފައްދަނީ ޗިސްމޭގައި އެކުލެވޭ ބީޓާ ސެލްތަކަކުންނެވެ.

މި ސެލްތައް ހުންނަނީ އައިލެޓްސް އޮފް ލެންގާހެންސްގެ ނަމުންދީފައިވާ ދިމާލެއްގަ އެވެ. އިންސިއުލިންގެ ރޯލަކީ ކާބޯތަކެތީގައި އެކުލެވޭ ކާބޯހައިޑްރޭސްޓްގައި ހުންނަ ގުލްކޯޒް ހަށިގަނޑުގެ ލެއިން ހަށިގަނޑުގެ ސެލްތަކަށް ގެންގޮސްދިނުމަށް އެހީތެރިވެދިނުމެވެ. ސެލްތައް މަސައްކަތްކުރުމަށް ގުލްކޯޒް ބޭނުންވާނެ އެވެ. ހަށިގަނޑުގައި އިންސިއުލިން މަދުވާނަމަ, ލެއިން ސެލްތަކަށް ގެންގޮސްދޭނެ މެދުވެރިއެއް ނުހުންނާނެ އެވެ. އޭގެ ނަތީޖާއަކަށް ވަނީ ލޭގައި ގުލްކޯޒް ގިނަވުމެވެ. އާންމު ބަހުން ބުނާ ނަމަ ހަކުރު މަތިވުމެވެ.

ހަކުރުބަލީގެ ދެ ވައްތަރަކީ ވެސް ޗިސްމޭ އާއި ގުޅިފައިވާ ދެ ބައްޔެވެ. ހަކުރުބަލީގެ ވައްތަރުގެ ތެރޭގައި ޓައިޕް 1 އަދި ޓައިޕް 2 ހިމެނެ އެވެ.

ޓައިޕް 1 ހަކުރުބަލި

ޓައިޕް 1 ހަކުރުބައްޔަކީ ޗިސް މޭ އިން ހަށިގަނޑަށް ބޭނުންވާ ވަރަށް އިންސިއުލިން ނުއުއްފެއްދުމުން ދިމާވާ ކަމެކެވެ. މި ހޯމޯންއާ ނުލާ ހަށިގަނޑުގެ ސެލްތަކަށް އެއްވެސް ހަކަތައެއް ނުލިބޭނެ އެވެ. މި ގޮތަށް ދިމާވަނީ, ހަށިގަނޑުގެ ދިފާއީ ބާރު ޗިސްމޭގެ ބީޓާ ސެލްތަކަށް ހަމަލާދިނުމުގެ ސަބަބުންނެވެ. އޭގެ ސަބަބުން ބީޓާ ސެލްތަކުގެ މަސައްކަތް މަޑުޖެހި, އިންސިއުލިން އުފެއްދުން އެއްކޮށްހެން ހުއްޓެން ދިމާވެ އެވެ. ހަށިގަނޑުގެ ދިފާއީ ބާރު މިގޮތަށް އަމަލުކުރާ ސީދާ ސަބަބެއް ނޭނގެ އެވެ. އެހެންކަމުން ޓައިޕް 1 ހަކުރުބަލި ހުންނަ މީހުން ޖެހޭނީ އިންސިއުލިން އިންޖެކްޝަން ޖަހާށެވެ. ނުވަތަ އިންސިއުލިން ޕަންޕެއްގައިގަ ހަރުކުރާށެވެ. ޓައިޕް 1 އާންމުކޮށް ޖެހެނީ ކުޑަކުދިންނަށާއި ފުރާވަރު އުމުރުގެ ކުދިންނަށެވެ.

ޓައިޕް 2 ހަކުރު ބަލި

މި ވައްތަރުގެ ހަކުރުބަލި ޖެހުމަށް މެދުވެރިވަނީ އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށަށް ދިޔުމުންނެވެ. މި ވައްތަރުގައި ޗިސްމޭ އިން ބަރާބަރަށް އިންސިއުލިން އުފައްދާނެ އެވެ. ނަމަވެސް އުފައްދާ އިންސިއުލިން ރަނގަޅަކަށް މަސައްކަތެއް ނުކުރެ އެވެ. އެހެންކަމުން ލޭގައި ހަކުރު ގިނަވެ, ޗިސްމޭ އިން ޑިމާންޑާ އެއްވަރަށް އިންސިއުލިން އުފައްދާ މިންވަރު އިތުރުކުރާނެ އެވެ. ނަމަވެސް އުފައްދާ އިންސިއުލިން ރަނގަޅަކަށް މަސައްކަތް ނުކުރުމުގެ ސަބަބުން ހަކުރުބަލި ޖެހުމަށް މެދުވެރިވެ އެވެ. ޓައިޕް 2 އަކީ އާންމުކޮށް ވާރުތަވާ ބައްޔެކެވެ. މަންމަ ނުވަތަ ބައްޕަގެ ޓައިޕް 2 ހަކުރުބަލި ހުންނަނަމަ ހަކުރުބަލި ޖެހުން އެކަށީގެންވެ އެވެ. ފަލަކޮށް ހުރުމާއި, ކަސްރަތު ނުކުރުމާއި ކެއުމަށް ރަނގަޅަކަށް ނުބެލުމަކީ ޓައިޕް 2 ޖެހުމަށް ބޮޑަށް މަގުފަހިވާ ކަންކަމެވެ. ޓައިޕް 2 ހަކުރުބަލި ޖެހިއްޖެނަމަ ބޭހައި ކަސްރަތާއި ކެއުމުން މި ވައްތަރު މެނޭޖްކުރެވޭނެ އެވެ. ޓައިޕް 2 ހަކުރުބަލި ޖެހުމުގެ ކުރިން ޕްރީޑައިބީޓީސް ހުރެދާނެ އެވެ. މިއީ ޓެސްޓުތަކުން ދެނެގަނެވޭނެ ކަމެވެ. ޕްރީ ޑައެބެޓިކް ވެއްޖެނަމަ ލަސްނުކޮށް ކެއުމަށް ބަދަލުގެނެސް ކަސްރަތުކުރަން ފަށާއިފި ނަމަ ޓައިޕް 2 ނުޖެހި ސަލާމަތްވެވިދާނެ އެވެ.

މާބަނޑުއިރު ޖެހޭ ހަކުރުބަލި

މާބަނޑުވުމުން ބައެއް އަންހެނުންނަށް ވަގުތީގޮތުން ހަކުރުބަލި ޖެހެ އެވެ. އަދި މި ކަމުގެ ސަބަބުން މާބަނޑުއިރު އަދި ވިހާއިރު ބައެއް ކޮމްޕިކޭޝަންސް ކުރިމަރިވުން އެކަށީގެންވެ އެވެ. މި ވައްތަރުގެ ހަކުރުބަލި ވިހެއުމުން އަމިއްލައަށް ރަނގަޅުވާނެ އެވެ. ނަމަވެސް މި ވައްތަރުގެ ހަކުރުބަލި ޖެހޭ މީހުންނަށް ފަހުން ޓައިޕް 2 ހަކުރުބަލި ޖެހުމުގެ ރިސްކް ބޮޑުކަން ދިރާސާތަކުން ދައްކަ އެވެ.

ހަކުރުބައްޔަކީ މެނޭޖްކުރެވޭނެ ބައްޔެކެވެ. މި ބައްޔަކީ މެނޭޖްނުކޮށް ދޫކޮށްލައިފިނަމަ, ސިއްހީ ބޮޑު ނުރައްކަލާ ކުރިމަތިލާންޖެހިދާނެ އެވެ.