ކަންފަތަށް ޖަހައިގެން ބޭނުންކުރާ ހެޑްސެޓް އަަދި އިއާފޯން ޑިވައިސްތައް ބޭނުން ކުރުމުގައި ސަމާލުވުމަށް ބޮލީވުޑްގެ ލަވަކިޔުންތެރިޔާ އަލްކާ ޔާގްނިކް ގޮވާލައިފި އެވެ.

އެގޮތުން އަލްކާ ވަނީ އެފަދަ ޑިވައިސްތަކުން އަޑު ބާރުކޮށް ލަވައާއި މިއުޒިކު ޖެހުމުގައި ޒިންމާދާރުވުމަށް އާއްމުންނަށް ނަސޭހަތްތެރިވެފަ އެވެ.

އަލްކާ މިބީދައިން ވާހަކަ ދައްކާފައިވަނީ މަދުން ނޫނީ ނުފެންނަ އިވުމުގެ ހިއްސަށް ޖެހޭ ބައްޔެއް އޭނާއަށް ޖެހިފައިވާކަން އިއުލާން ކުރަމުންނެވެ.

އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި އަލްކާ ބުނެފައިވަނީ މީގެ މަސްތަކެއް ކުރިން އޭނާގެ ކަންފަތަށް އަޑު އިވުމުގައި މައްސަލަތަކެއް ހުރިކަން ފާހަގަ ކުރެވުނު ކަމަށާއި ޑޮކުޓަރަށް ދެއްކުމުން ކަންފަތުގެ ނާރަށް ގެއްލުންވެފައި ހުރިކަން އެނގުނު ކަމަށެވެ.

އެއާއެކު އަލްކާ ވަނީ ބޮލީވުޑްގެ މަސައްކަތްތަކުން އެކަހެރިވެ އުޅޭ ސަބަބަކީ އެއީ ކަމަށް ބުނެ އޭނާއަށް ހެޔޮ ދުއާ ކޮށްދިނުމަށް އެދިފަ އެވެ.

އަލްކާއަކީ 90 އަހަރުތަކާއި 2000ގެ ކުރީކޮޅު ބޮލީވުޑްގެ ގިނަ އަންހެން ތަރިންނަށް ލަވަ ކިޔައިދީފައިވާ ކުޅަދާނަ ލަވަކިޔުންތެރި އެކެވެ.