މި އަހަރު ރާއްޖެއިން ހައްޖަށް ދިޔަ މީހުންގެ ތެރެއިން އެނބުރި ރާއްޖެ އަންނަ މީހުންގެ ފުރަތަމަ ފްލައިޓް އަންނަ ހޯމަ ދުވަހު ރާއްޖެ އަންނާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޝަހީމް މިއަދު ވިދާޅުވީ ހައްޖުވެރިންގެ ދެވަނަ ފްލައިޓް އަންނަ ހުކުރު ދުވަހު ރާއްޖެ އަންނާނެ ކަމަށެވެ. އަދި ތިން ވަނަ ފްލައިޓް ޖުލައި އެކެއްގައި، ހަތަރު ވަނަ ފްލައިޓް ޖުލައި ހަތަރު ވަނަ ދުވަހު ރާއްޖެ އަންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ދިވެހި ހައްޖުވެރިންގެ ތެރެއިން މިހާތަނަށް ނިޔާވީ އެއް ހައްޖުވެރިއެކެވެ. މިވަގުތު ހޮސްޕިޓަލުގައި އެއް އްޖުވެރިއަކު އޮތްއިރު އާންމުގޮތެއްގައި ހައްޖުވެރިންގެ ހާލު ރަނގަޅު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި އަހަރު ހައްޖުގެ އިންތިޒާމްތައް ވަރަށް ފުރިހަމަ ކަމަށް މިނިސްޓަރު ޝަހީމާއި ހައްޖު ކޯޕަރޭޝަންގެ މެޖޭނިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ހައްޖާޖީންނަށް ދިން ހިދުމަތުގެ ފެންވަރު ދަށްކަމަށް ބުނެ ބައެއް ހައްޖުވެރިން ވަނީ އެކަމުގެ ތަފްސީލުތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.