މާލޭގައި ކޮވިޑް ވެކްސިނަށް އޮތް ތަރުހީބު ވަރަށް ކުޑަ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްޕީއޭގެ ޑިރެކްޓަރު އަހްމަދު ނާސިރު ވިދާޅުވީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ވެކްސިނަށް އޮތް ތަރުހީބު ކުޑަވާތީ ވީހާވެސް ގިނަ ބަޔަކު ވެކްސިން ޖެހުމަށް ދިޔުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ބައެއް މީހުން ހަފްތާ ބަންދުގައި ވެކްސިން ޖަހަން މަޑުކުރާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި އާންމުންނަށް ހުޅުވިގެން ވެކްސިން ދެވޭ ސެންޓަރުތަކަކީ ސޯޝަލް ސެންޓަރު، އިސްލާމީ މަރުކަޒު އަދި ހުޅުމާލޭ ވެކްސިން ސެންޓަރާއި ވިލިމާލެ ޔޫތު ސެންޓަރެވެ. މީގެއިތުރުން މާދަމާ އިން ފެށިގެން 30 އަހަރުން މަތީގެ ކޮންމެ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ގޮސް ވެކްސިން ޖެހޭނެ އެވެ.

މަޖިލީހުގެ އިދާރާގައި ވެކްސިން ޖެހުން ކުރިއަށްދާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00އިން މެންދުރު 12:00އާ ދެމެދުގަ އެވެ.

މިއަދު މާލެއިން ވެކްސިން ޖެހި އަދަދަށް ބަލާލުމުން ވެސް މާލޭގައި ވެކްސިނަށް އޮތް ތަރުހީބު ކުޑަކަން ފާހަގަވެ އެވެ. ދެ ލައްކައެއްހާ މީހުން ދިރިއުޅޭ މާލޭ ސިޓީން މިއަދު ވެކްސިން ޖެހީ 2،700 މީހުންނެވެ.