އުމުރުން 25 އަހަރުން މަތީގެ މީހުންނަށް މިއަދުން ފެށިގެން މާލެ ސަރަހައްދުގައި ކޮވިޑް ވެކްސިން ދޭން ފަށާނެ ކަމަށް އެޗްއީއޯސީން ބުނެފި އެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅީ އުމުރުން 25 އަހަރުން މަތީގެ މީހުންނަށް ހާއްސަކޮށްގެން ވެކްސިން ޖަހަން މިއަދު ފަށާނެ ކަމަށެވެ. އަދި އުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ އެކި ބަލިތަކުގެ ދިގުމުއްދަތަށް ބޭސްކުރާ މީހުންނަށް ވެސް ވެކްސިން ޖެހުން ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިގޮތުން މާލޭގައި، ސޯޝަލް ސެންޓަރާއި އިސްލާމީ މަރުކަޒުގައި ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:30 އަށް ވެކްސިން ޖެހޭނެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ހެނދުނު 9:00 އަކުން މެންދުރު 12:00 އަށް ވެކްސިން ޖެހުމުގެ ހިދުމަތް ލިބޭނެ އެވެ.

މީގެ އިތުރުން ހުޅުމާލޭގައި ހުންނަ ހުޅުމާލެ ވެކްސިންނޭޝަން ސެންޓަރުންވެސް ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:30 އަށް ވެކްސިން ޖެހޭނެ އެވެ. އަދި ޓްރީޓޮޕް ހޮސްޕިޓަލުގައި ހެނދުނު 9:00 އިން މެންދުރު 12:00 އަށް އުމުރުން 40 އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖެހުމުގެ ހިދުމަތް ދެމުންދާނެ އެވެ. އަދި ވިލިމާލޭގައި ވެކްސިން ޖެހުމުގެ ހިދުމަތްދޭ ވިލިމާލެ ޒުވާނުންގެ މަރުކަޒުގައިވެސް ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:30 އަށް ވެކްސިން ޖެހުމުގެ މަސައްކަތް ކުރިއަށްދާނެ އެވެ.

މާލެ ސަރަހައްދުގައި ވެކްސިން ޖަހަންދާ މީހުންގެ އަދަދު މަދުކަން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ފާހަގަ ކޮށްފަ އެވެ.

"ވެކްސިން ޖަހާ މީހުންގެ އަދަދު މާލެ ސަރަހައްދުން މަދުކަން ރިކޯޑުތަކުން ފާހަގަވޭ. ވީހާވެސް ގިނަ ފަރާތްތައް ވެކްސިން ލިބިގަތުން ވަރަށް މުހިންމު،" ނާސިރު ވިދާޅުވި އެވެ.

މިގޮތުން ނާސިރު ވިދާޅުވީ ގިނަ ބަޔަކު ހަފްތާ ބަންދުގައި ވެކްސިން ޖަހަން މަޑުކުރާ ކަމަށާއި، ނަމަވެސް އެއީ އެންމެ ރަނގަޅުގޮތް ނޫން ކަމަށް ވިދާޅުވި އެވެ. އަދި މިހާރު އެހާ ދިގު ކިޔޫއެއް ނެތުމުން، ވީހާވެސް އަވަހަށް އާންމުންނަށް ހުޅުވާލާފައިވާ ސެންޓަރުތަކަށް ވެކްސިން ޖަހަން ދިއުމަށް އެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ވެކްސިން ޖެހި އަދަދުތަކަށް ބަލާއިރު އިއްޔެ ރާއްޖޭގައި ޖުމްލަ 4،962 މީހެއްގެ ގަޔަށް ވެކްސިން ޖަހާފައިވެ އެވެ. އެއީ މާލެ ސަރަހައްދުގައި 2،700 މީހުންނާއި އަތޮޅު ތެރެއިން 2،262 މީހުންނެވެ. މިއާއެކު، ރާއްޖޭގައި ޖުމްލަ ވެކްސިން ޖެހި މީހުންގެ އަދަދަކީ 85،110 މީހުންނެވެ.