ފްލައިޓެއް ނައްޓާލާއިރު އާއި ޖައްސާއިރު ފްލައިޓުގެ އެތެރޭގެ އަލި މަޑު ކޮށްލާކަން ގިނަ ބަޔަކަށް ފާހަގަ ވެފައިވީ ނަމަވެސް އެކަމުގެ ފަހަތުގައިވާ ސަބަބު ގިނަ ފަހަރަށް އޮންނަނީ ނޭނގި އެވެ.
ގިނަ މީހުންނަށް ހީވެފައި އޮންނަނީ މިއީ ކަރަންޓު ހަރަދު ކުޑަކުރުމަށް ނުވަތަ ދަތުރުވެރިންނަށް އަރާމު މާހައުލެއް ގާއިމު ކޮށްދިނުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ. އެހެން ނަމަވެސް، މިއީ މުޅިން ވެސް ދަތުރުވެރިންގެ ރައްކާތެރިކަމަށްޓަކައި ބައިނަލްއަގުވާމީ އެވިއޭޝަން މިންގަނޑުތަކާ އެއްގޮތަށް ކުރާ ކަމެކެވެ.
ފްލައިޓެއްގެ މުޅި ދަތުރުގައި ވެސް އެންމެ ނުރައްކާތެރި އަދި އެކްސިޑެންޓެއް ހިނގުމުގެ ފުރުސަތު އެންމެ ބޮޑީ ފްލައިޓް ނަގާ ވަގުތާއި ޖައްސާ ވަގުތު އެވެ. ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެ ނަމަ، ފްލައިޓުން މީހުން ނެރުމަށް (އިވެކުއޭޝަން) ލިބެނީ އެންމެ 90 ސިކުންތެވެ.
އަލި މަޑު ކުރުމުގެ މައިގަނޑު ސަބަބަކީ، ކުއްލިއަކަށް ކަރަންޓު ކެނޑިގެންދާ ހާލަތެއްގައި ވެސް މީހުންގެ ލޮލުގެ ފެނުން ބޭރުގެ އަނދިރިކަމަށް ހޭނުމަށް ފުރުސަތު ދިނުމެވެ. އިންސާނާގެ ލޯ އަނދިރިއަށް ހޭނުމަށް މަދުވެގެން 10 ވަރަކަށް މިނެޓު ނަގަ އެވެ.
މީގެ އިތުރުން، ކެބިންގެ އަލި މަޑުކުރުމުން ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ބޭނުންކުރާ "އެމަޖެންސީ އެގްޒިޓް" ނިޝާންތަކާއި ފްލައިޓުގެ ތަޅުންގަނޑުގައި ހުންނަ އަލި މަގުތައް މީހުންނަށް ވަރަށް ސާފުކޮށް ފެންނަން ހުންނާނެ އެވެ. ހާއްސަކޮށް ފްލައިޓުގެ އެތެރޭގައި ދުމުގެ އަސަރު ހުންނަ ހާލަތްތަކުގައި، މަގު ދައްކައިދޭ މި އަލިތައް ފެނުން ވަރަށް މުހިއްމުވެ އެވެ. އަދި އެހެންމެ، އަލި މަޑުކުރުމުން ފްލައިޓުގެ ކެބިން ކުރޫއިންނަށާއި ދަތުރުވެރިންނަށް ކެބިންގެ ކުޑަދޮރުތަކުން ބޭރުގެ މާހައުލު ސާފުކޮށް ފެންނާނެ އެވެ.
މީގެ ސަބަބުން ބޭރުގައި އަލިފާން ރޯވުން ނުވަތަ އެހެންވެސް ނުރައްކަލެއް އުޅޭނަމަ އެކަން އަވަހަށް ފާހަގަކޮށް، ރައްކާތެރި ދިމާއަކުން މީހުން ނެރުމަށް ފަސޭހަވެގެންދެ އެވެ. އެއާއެކު ޕައިލެޓުންނަށް ވެސް ބޭރުގެ ރަންވޭ އާއި އަލިތައް ސާފުކޮށް ބަލައި ދެނެގަތުމަށް މިކަމުން އެހީތެރިވެ ދެ އެވެ.
ދުވާލު ގަޑީގައި ކުރާ ދަތުރުތަކުގައި ވެސް މި އުސޫލު ހިފަހައްޓަނީ، ބޭރުގެ މޫސުން ގޯސްވެ، ވިއްސާރަ ވުމުގެ ސަބަބުން ބޭރު އަނދިރިވެފައި އޮވެދާނެތީ އެވެ.
އެހެންކަމުން، މިއީ ހަމައެކަނި އާދައިގެ ކަމެއްގެ ގޮތުގައި ފެނުނު ނަމަވެސް، ކުއްލި ނުރައްކަލުގެ ހާލަތެއްގައި އިންސާނާގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ސައިންސްގެ އަލީގައި ގާއިމު ކޮށްފައިވާ ވަރަށް މުހިއްމު ރައްކާތެރިކަމުގެ ފިޔަވަޅެކެވެ.
"ހަނގުރާމަ ނިންމަން ހުށަހެޅުންތަކެއް އެމެރިކާއަށް ފޮނުވައިފިން"
އުއްމީދު ކުރި ވަރުގެ ކުރިއެރުމެއް ނުލިބުނު: ސަންޖޭ
ވިހެއުމަށްފަހު ތުއްތު ދަރިފުޅު ދައުލަތަށް ނެގި މައްސަލަ ބަލަނީ