ސަރުކާރުގެ ހަރަދު ކުޑަކުރުމާއި، އާމްދަނީ އިތުރުކުރުމުގެ ސިޔާސަތު އަދި މީޑިއަމް ޓާމް ރެވެނިއު ސްޓްރެޓެޖީއެއް އެކުލަވާލުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރައީސް މުއިއްޒު މިގޮތަށް ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓަ އޮފް ފިނޭންސް އިން ހުށަހެޅި ކަރުދާހާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު ކަމަށެވެ.

ދިވެހިރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރުމަށާއި، އާމްދަނީ އިތުރުކުރުމަށް އިތުރަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބައްލަވައި، އެކަންކަމާ ގުޅޭގޮތުން ކުރައްވަންޖެހޭ ކަންކަން ވަޒީރުންގެ މަޖިލީހުގެ ސަބް- ކޮމިޓީއަކުން ކުރިއަށް ގެންދެވުމަށް ވެސް އިއްޔެގެ ވަޒީރުންގެ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ ނިންމެވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު މުހައްމަދު ޝަފީގު (ވ) ގައި ބައިވެރިވަނީ. ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު މިގޮތަށް ނިންމެވިއިރު ރާއްޖޭގެ މާލީ ހާލަތު ދެނެގަތުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމާއި އޮޑިޓަ ޖެނެރަލް ހުސައިން ނިޔާޒީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމާފައިވެ އެވެ.

މިގޮތަށް ނިންމާފައިވަނީ މާލިއްޔަތު ކޮމިޓީގެ ތިންވަނަ ބައްދަލުވުމުގަ އެވެ. މިބައްދަލުވުމުގައި މާލީ ވަޒީރު ހާޒިރުކުރުމަށް ނިންމި ނަމަވެސް ވަޒީރަށް ހާޒިރުވެވަޑައިނުގެންނެވުމުން ކޮމިޓީއަށް ބޭނުންވާ މައުލޫމާތު ވަނީ ހިއްސާކުރައްވާފަ އެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު (ކ) ގައި ބައިވެރިވަނީ. ފޮޓޯ: ރައީސް އޮފީސް

އެ މައުލޫމާތަކީ ސިއްރު މައުލޫމާތުތަކެއް ކަމަށާއި މަޝްވަރާތައް ސިއްރުކޮށްދިނުމަށް ވަޒީރުގެ ސިޓީފުޅުގައި އެދިވަޑައިގެންނެވުމުން އެ ކޮމިޓީ ވަނީ ސިއްރުކޮށްފަ އެވެ.