ޑަސަލްޑޯފް (25 ޖޫން) – ޔޫރޯގެ ގުރޫޕް ބީގައި ރޭ އަލްބޭނިއާ އަތުން 1-0 އިން ސްޕެއިން މޮޅުވެ، 100 ޕަސެންޓް ރެކޯޑަކާއެކު ގުރޫޕް ސްޓޭޖް ނިންމާލައިފި އެވެ.
ސްޕެއިންގެ މި މޮޅާއެކު، ގުރޫޕް ސީގެ އިންގްލެންޑާއި ގުރޫޕް ޑީގެ ނެދަލޭންޑްސް އަދި ފްރާންސްއަށް ވަނީ ގަދަ 16ގެ ޖާގައެއް ކަށަވަރުވެފަ އެވެ.
މި ތިން ޓީމަށް ވެސް ގަދަ 16 ކަށަވަރުވީ ފަހު މެޗުތަކުން ކޮންމެ ނަތީޖާއެއް ނިކުތަސް، ގުރޫޕްތަކުން ތިން ވަނައަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމުގެ ތެރޭގައި މި ތިން ޓީމު ހިމެނޭނެކަން ކަށަވަރުވެފައި ވާތީ އެވެ. މި ތިން ޓީމު ވެސް ވަނީ ހަތަރު ޕޮއިންޓް ހޯދައިފަ އެވެ.
ޔޫރޯ 2008 އަދި 2012 ވަނަ އަހަރު ކާމިޔާބުކުރި ސްޕެއިން ރޭގެ މެޗުން މޮޅުވީ މެޗުގެ 13 ވަނަ މިނިޓުގައި ފެރަން ޓޯރެސް ޖެހި ލަނޑުންނެވެ.
މި މެޗަށް ނިކުތްއިރު ވެސް ސްޕެއިންއަށް ގުރޫޕް ބީގެ އެއްވަނަ ކަށަވަރުވެފައި ވާތީ، ސްޕެއިންގެ ކޯޗު ލުއިސް ޑެލަފުއެންޓޭ ވަނީ ފުރަތަމަ 11 އަށް ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ. އަދި މި މެޗުގައި ފަހުން ގެނައި ބަދަލުތަކާއެކު، ގޯލްކީޕަރު ފިޔަވައި ސްކޮޑްގައި ހިމެނޭ ހުރިހާ ކުޅުންތެރިންނަށްވެސް ޑެލަފުއެންޓޭ ވަނީ ކުޅުމުގެ ފުރުސަތު ދީފަ އެވެ.
މި މެޗުން ބަލިވުމުގެ އަލްބޭނިއާ ވަނީ މުބާރާތުން ކަޓައިފައެވެ. އެހެން ނަމަވެސް، މި މުބާރާތުގައި އެ ޓީމުން ދެއްކި ކުޅުމަށް ގިނަ ބަޔަކު ދަނީ ތައުރީފްކުރަމުންނެވެ.