ބާލިން (25 ޖޫން) – ޔޫރޯ ގުރޫޕް ޑީގައި މިރޭ ނެދަލޭންޑްސް އަތުން 3-2 އިން މޮޅުވެ އޮސްޓްރިއާ ގުރޫޕްގެ އެއްވަނަ ހޯދިއިރު، ޕޯލެންޑްއާ ދެކޮޅަށް ފްރާންސް ކުޅުނު މެޗު 1-1 އިން އެއްވަރުވުމުން ފްރާންސް ފުއްދާލަން ޖެހުނީ ގުރޫޕްގެ ދެވަނަ މަގާމަށެވެ.

މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ފްރާންސް އަތުން ބަލިވި ނަމަވެސް، ދެން ކުޅުނު ދެ މެޗުން މޮޅުވެ އޮސްޓްރިއާ ގުރޫޕްގެ އެއްވަނަ ހޯދީ ހަ ޕޮއިންޓާއެކު އެވެ.

މި ގްރޫޕްގެ ފޭވަރިޓްގެ ގޮތުގައި ފްރާންސް ދެވަނައިގައި ގުރޫޕް ނިންމާލީ ފަސް ޕޮއިންޓާއެކު އެވެ. ޔޫރޯ 1988 ވަނަ އަހަރު ކާމިޔާބުކުރި ނެދަލޭންޑްސް ގުރޫޕް ނިންމާލީ ތިން ވަނައިގަ އެވެ. ނެދަލޭންޑްސް ގަދަ 16އަށް ދަތުރުކުރީ ތިން ވަނައަށް ދިޔަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރުނު ހަތަރު ޓީމުގެ ތެރޭގައި ހިމެނޭތީ އެވެ.

އެއް ޕޮއިންޓާއެކު ޕޯލެންޑް މުބާރާތް ނިންމާލީ ގުރޫޕްގެ ފުލުގަ އެވެ.

އެމްބާޕޭގެ ފުރަތަމަ ގޯލު، އެކަމަކު ފްރާންސް ފުއްދާލަން ޖެހުނީ ޕޮއިންޓަކަށް

ޕޯލެންޑާ ދެކޮޅަށް ފްރާންސް މިރޭ ކުޅުނު މެޗުގައި އެ ޓީމުގެ ކެޕްޓަން ކިލިއަން އެމްބާޕޭ ވަނީ ފުރަތަމަ 11ގައި ހިމަނައިފަ އެވެ. މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި އެމްބާޕޭގެ ނޭފަތަށް ލިބުނު އަނިޔާއަކާ ގުޅިގެން، މުބާރާތުގެ ދެވަނަ މެޗުގައި އޭނާ ނުކުޅެ އެވެ. މިރޭ ވެސް އޭނާ ކުޅެން އެރީ ރައްކާތެރިވުމުގެ ގޮތުން މޫނުގައި މާސްކެއް އަޅައިގެނެވެ.

ފްރާންސްގެ އެމްބާޕޭ ޕެނަލްޓީ ގޯލަށް ފޮނުވާލަނީ. ފޮޓޯ: ސްކައި ސްޕޯޓްސް

ފްރާންސަށް ލިބުނު ޕެނަލްޓީއަކުން މެޗުގެ 56 ވަނަ މިނިޓުގައި ފްރާންސަށް ލީޑު ހޯދައިދިނީ އެމްބާޕޭ އެވެ. މިއީ މި އަހަރުގެ ޔޫރޯގައި އެމްބާޕޭ ޖެހި ފުރަތަމަ ލަނޑެވެ. ފްރާންސަށް ޕެނަލްޓީއެއް ލިބުނީ އެ ޓީމުގެ އުސްމާނޭ ޑެމްބެލޭއަށް ޕޯލެންޑްގެ ޑިފެންޑަރު ޔަކުބް ކިވިއޯ ކުރި ފައުލަކާ ގުޅިގެންނެވެ.

އެކަމަކު ޕޯލެންޑަށް ލިބުނު ޕެނަލްޓީއަކުން މެޗުގެ 79 ވަނަ މިނިޓުގައި އެ ޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ ކެޕްޓަން ރޮބަޓް ލެވަންޑޮވްސްކީއެވެ. މިއީ މި މުބާރާތުގައި ޕޯލެންޑްގެ ފުރަތަމަ 11ގައި ލެވަންޑޮވްސްކީ ކުޅުނު ފުރަތަމަ މެޗެވެ.

ލެވަންޑޮވްސްކީ އެންމެ ފުރަތަމަ ޖެހި ޕެނަލްޓީ ފްރާންސްގެ ގޯލްކީޕަރު މައިކް މައިގްނަން ވަނީ ދިފާއުކޮށްފަ އެވެ. އެކަމަކު މައިގްނަން ގޯލުގެ ރޮނގު މަތިން ނިކުމެފައިވާތީ، ރެފްރީ ވަނި އަލުން ޕެނަލްޓީ ޖަހުވައިފަ އެވެ. ލެވަންޑޮވްސްކީ ވަނި ދެވަނަ ފުރުސަތުގައި ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

ކުރީގެ ދެ ޗެމްޕިއަނުން ފަހަތަށް ޖައްސާލައި އޮސްޓްރިއާގެ ގުރޫޕްގެ އެއްވަނައަށް

ގުރޫޕް ޑީގެ ފޭވަރިޓުންގެ ގޮތުގައި އޮތީ ފްރާންސް އާއި ނެދަލޭންޑްސްއެވެ. އެކަމަކު އެ ދެ ޓީމު ފަހަތަށް ޖައްސާލައި، ގުރޫޕްގެ އެއްވަނަ ހޯދި އޮސްޓްރިއާއިން ވަނީ ގިނަ ބަޔަކު ހައިރާންކޮށްލައިފަ އެވެ.

ނެދަލޭންޑްސްއާ ދެކޮޅަށް މިރޭ ކުޅުނު މެޗުގެ ހަ ވަނަ މިނިޓުގައި އޮސްޓްރިއާއަށް ލީޑު ލިބުނީ ނެދަލޭންޑްސްގެ ޑޮންޔެލް މާލެން އަތުން ބައިކޮޅަށް ވަތް ލަނޑަކުންނެވެ.

ނެދަލޭންޑްސް އިން ދެވަނަ ހާފުގެ ކުރީކޮޅު ނަތީޖާ އެއްވަރުކުރީ ލިވަޕޫލްގެ ފޯވަޑް ކޯޑީ ގަކްޕޯ ޖެހި ލަނޑުންނެވެ.

މެޗުގެ 59 ވަނަ މިނިޓުގައި އޮސްޓްރިއާގެ ރޮމާރޯ ޝްމިޑް ޖެހި ލަނޑާއެކު އޮސްޓްރިއާ އިން ދެވަނަ ފަހަރަށް ލީޑު ނެގި އެވެ. އެހެން ނަމަވެސް، މެޗުގެ ފޯރި އިތުރަށް ގަދަވީ 75 ވަނަ މިނިޓުގައި ނެދަލޭންޑްސްގެ މެމްފިސް ޑެޕާއީ ޖެހި ލަނޑާއެކު ދެ ޓީމު އެއްވަރުވުމުންނެވެ.

އެކަމަކު އޮސްޓްރިއާ އަލުން ކުރި ހޯދީ މެޗުގެ 80 ވަނަ މިނިޓުގައި މާސެލް ސަބިޓްޒާ ޖެހި ލަނޑުންނެވެ.