މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ 19 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާތައް، އެ ޕާޓީގެ މެމްބަރުންނަށް ރައީސް މުހައްމަދު މުއިއްޒު ފޮނުއްވަވައިފި އެވެ.

ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީގެ 19 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ އެޕާޓީގެ އިސްވެރިންނާއި މެމްބަރުންނަށް ފޮނުވާކަމަށެވެ.

ރައީސްގެ އިތުރުން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްވެސް ވަނީ އެމްޑީޕީގެ އަހަރީ ދުވަހާ ގުޅިގެން އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި ޗެއާޕާސަން ފައްޔާޒު އިސްމާއީލް އަދި މެންބަރުންނަށް ތަހުނިޔާ ވިދާޅުވެފަ އެވެ.

ރާއްޖޭގައި މަލްޓި ޕާޓީ ސިސްޓަމް އުފެއްދި އެންމެ ފުރަތަމަ އުފެއްދި ސީޔާސީ ޕާޓީ އެމްޑީޕީ ރަޖިސްޓްރީ 2005 ވަނަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހު އެވެ. އެމްޑީޕީ އަހަރީ ދުވަހާއި ގުޅިގެން މިއަދު ހަވީރު ދިދަ ނެގުމުގެ ރަސްމިއްޔާތެއް އެ ޕާޓީގެ އޮފީހުގައި ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

އެމްޑީޕީގެ އަހަރީ ދުވަހާއި ގުޅިގެން އެޕާޓީގެ މެންބަރުންނަށް ތަހުނިޔާ ވިދާޅުވެ އެޕާޓީގެ ރައީސް ޝާހިދު ވިދާޅުވި ގޮތުގައި އެމްޑީޕީއަކީ ދިވެހި ރައްޔިތުންގެ އުންމީދެވެ. ފާރަވެރި ވާދަވެރި ސިޔާސީ ނިޒާމެއްގައި އެޕާޓީއަކީ އަލި ދަންމަރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީ ވަނީ ރާއްޖޭގެ ވެރިކަން ދެފަހަރު ކުރައްވާފަ އެވެ. އެގޮތުން، 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެ ޕާޓީން ވަނީ ކާމިޔާބުކޮށްފަ އެވެ.