މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓްގެ މުވައްޒަފުންތަކަކާމެދު ލާއިންސާނީ ގޮތަކަށް ކަންތައް ކޮށްފައިވާ ކަމަށް ބުނެ އޭނާއާ ދެކޮޅަށް ކޯޓު މައްސަލައެއް ހުށައަޅައިފި އެވެ.
ހަބަރުތައް ބުނާ ގޮތުގައި ކާންޔޭއާ ދެކޮޅަށް މައްސަލަ ހުށައަޅާފައި ވަނީ އޭނާގެ ކުންފުންޏެއް ކަމަށްވާ ޔީޒީގެ ބައެއް މުވައްޒަފުންތަކެކެވެ.
އެ މައްސަލަގައި ބުނެފައިވާ ގޮތުން ކާންޔޭގެ މުވައްޒަފުންނަށް މުސާރަ ނުދީ އެތައް ދުވަހަކު މަސައްކަތް ކުރުވާފައިވެ އެވެ. އޭގެ އިތުރުން އެ މުވައްޒަފުން މަސައްކަތް ކުރަމުންދިޔަ މާހައުލަކީ ނަސްލީ ތަފާތު ކުރުންތައް ގިނަ އިންސާނުން މަސައްކަތް ކުރަން އެކަށޭނަ މާހައުލެއް ނޫން ކަމަށް ވެސް އެ މައްސަލައިގައި ފާހަގަ ކޮށްފައިވެ އެވެ.
އެމެރިކާގެ ސެންޓްރަލް ޑިސްޓްރިކްޓް ކޯޓަށް ހުށައެޅިފައިވާ އެ މައްސަލަ ކޯޓުން ބަލައިގަނެފައިވާއިރު މައްސަލައިގެ އަޑުއެހުމެއް އޮންނާނެ ދުވަހެއް އަދި ނޭނގެ އެވެ.
މި މައްސަލައާ ގުޅޭ ގޮތުން ކާންޔޭ ނުވަތަ އޭނާގެ ވަކީލުންގެ ބަހެއް މިހާތަނަށް މީޑިއާއަށް ލިބިފައިނުވާއިރު އާއްމުންގެ ފާޑުކިޔުންތައް އޭނާއަށް ދަނީ އަމާޒުވަމުންނެވެ.
މި މައްސަލައަކީ ކާންޔޭއާ ދެކޮޅަށް ހުށައެޅިފައިވާ ހަމައެކަނި ކޯޓު މައްސަލަ ނޫންކަން ފާހަގަ ކޮށްލަންޖެހެ އެވެ. ކާންޔޭގެ ކުރީގެ އަންހެން މުވައްޒަފަކު ވަނީ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ވެސް އޭނާއާ ދެކޮޅަށް ހުށައަޅާފަ އެވެ.
ޔީޒީއަކީ 2013 ވަނަ އަހަރުން ފެށިގެން ކާންޔޭގެ ބެލުމުގެ ދަށުން ހިންގާ މީޑިއާ އަދި ފެޝަން ބްރޭންޑެކެވެ. އެ ބްރޭންޑުން ވަނީ މަޝްހޫރު އެޑިޑާސްއާއެކު ވެސް މަސައްކަތް ކޮށްފަ އެވެ.