އިލޫމިނޭޝަން އާއި ޔުނިވާސަލް ސްޓޫޑިއޯސްގެ އެނިމޭޝަން ފިލްމް "ޑިސްޕަކަބަލް މީ"ގެ ހަތަރުވަނަ ފިލްމު މިދިޔަ ހަފްތާގައި ރިލީޒް ކޮށްފި އެވެ.

އެމެރިކާގެ މިނިވަން ދުވަހާ ގުޅުވައިގެން ޖުލައި 4 ވަނަ ދުވަހު އެ ފިލްމު ރިލީޒްކުރިއިރު، މިހާތަނަށް ބޮކްސް އޮފީހުގައި އެ ފިލްމަށް ބޮޑު ކާމިޔާބީއެއް އަންނަނީ ލިބެމުންނެވެ.

އެގޮތުން ފިލްމު އެޅުވި ފުރަތަމަ ދުވަހު ވެސް 27 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނުއިރު، ކުރިއަށް އޮތް ފަސް ދުވަހުގެ ޗުއްޓީގައި 120 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ލަފާ ކުރެވެ އެވެ.

"ޑެސްޕިކަބަލް މީ 4" ރިލީޒް ކުރުމާއެކު މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ ފިލްމު ކަމަށްވާ "އިންސައިޑް އައުޓް 2"ގެ އާމްދަނީ ވަނީ ކުޑަކޮށް މަޑުޖެހިލާފަ އެވެ.

"ޑެސްޕިކަބަލް މީ"ގެ ކުރީގެ ފިލްމުތަކަށް ވެސް ބޮޑު ކާމިޔާބެއް ލިބިފައިވާއިރު މިއީ މިދިޔަ ހަތް އަހަރު ތެރޭގައި ނުކުތް އެ ފްރެންޗައިޒްގެ ފުރަތަމަ ފިލްމެވެ.

މި ފިލްމުން ވެސް ފެނިގެންދާނީ ގްރޫއާއި އޭނާގެ މިނިއަންތައް އެމީހުންގެ މިޝަން ފުރިހަމަ ކުރުމަށްޓަކައި ކުރާ މަސައްކަތްތައް ކަމަށް ހަބަރުތައް ބުނެ އެވެ.