މިހާރު ގިނަ ބަޔަކު އެންމެ އިންތިޒާރުކުރާ އެއް ފިލްމަކީ ސަންޖޭ ލީލާ ބަންސާލީގެ ފިލްމު ގަންގޫބާއީ ކަތިއާވަޑީ އެވެ. މި ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނީ އާލިއާ ބަޓް އެވެ.

މި ފިލްމު ބިނާވެގެން ވަނީ 60ގެ އަހަރުތަކުގައި "މެޑަމް އޮފް ކަމަތިޕުރާ" ގެ ނަމުން މަޝްހޫރުވި ނުފޫޒްގަދަ އަންހެނެއް ކަމަށްވާ ގަންގޫބާއީ ކަތިއާވަޑީގެ ދިރިއުޅުމުގެ މައްޗަށެވެ.

މި ކިޔާދެނީ ނޫސްވެރިއެއް ކަމަށްވާ ހުސައިން ޒައިދް ލިޔެފައިވާ ފޮތް "މާފިއާ ކުއީންސް އޮފް މުމްބާއީ" ގައި ލިޔެފައިވާ ގަންގޫބާއީގެ ވާހަކަ އެވެ.

ލޯބިވެރިޔާގެ ސަބަބުން ހަށިވިއްކަން މަޖުބޫރުވި

ބުނެވޭ ގޮތުގައި ގަންގޫބާއީ ނިސްބަތްވަނީ ގުޖްރާތްގެ ކަތިއާވަޑް އަވަށުގެ ގަދަރުވެރި، އަދި ވަކީލުން ގިނަ އާއިލާއަކުންނެވެ. އޭނާ ވަނީ ވަރަށް ޅަ އުމުރުގައި ލޯބިވެރިޔާއާއެކު ގެއިން ފިލައިގެން ގޮސްފަ އެވެ. ކުރިން ގަންގޫބާއީގެ ބައްޕަގެ އެކައުންޓެންޓަކަށް ހުރި މި ކުއްޖާއާއެކު މުމްބާއީއަށް އައުމުން އޭނާ ގަންގޫބާއީއަށް މަޖުބޫރުކުރުވީ ހަށިވިއްކުމަށެވެ.

ވިއްކާލީ 500 ރުޕީސް އަށް

ގަންގޫބާއީ ވާން ބޭނުންވީ ފިލްމީތަރިއަކަށެވެ. އެ ހުވަފެނުގައި ކުލަ ނުޖެހި ގަންގޫބާއީ ގެނބިގެން ދިޔައީ ހަށިވިއްކުމުގެ ވިޔަފާރީގެ ތެރެއަށެވެ. ނަމަވެސް އެކަމުން އަރައިގަނެ، އޭނާ ވަނީ މުމްބާއީގެ މާފިއާގެ ރަސްކަމާ ހަމައަށް އައިސްފަ އެވެ.

ގަންގޫބާއީ ކުރިއަރައިގެން ދިޔައީ މުމްބާއީގެ އަންޑަގްރައުންޑް މީހުންނާއެކު އޮތް ގުޅުމުގެ ސަބަބުންނެވެ. އެގޮތުން އަންޑަވޯލްޑް ޑޮން އެއް ކަމަށްވާ ކަރީމް ލާލާ ވަނީ ގަންގޫބާއީ އަކީ އޭނާގެ ކޮއްކޮއެއްގެ ގޮތުގައި ބަލައިގަނެފަ އެވެ.

ނާސިގެތަކުގެ ރާނީ

އަންޑަގްރައުންޑްގައި ކުރިއަރައިގެން ގޮސް ގަންގޫބާއީ ވެގެން ދިޔައީ ސިޓީގެ ރެޑް ލައިޓް ހިސާބުގައި ގިނަ ނާސިގެތައް ހިންގި މީހަކަށެވެ. ދުވަސްކޮޅެއްގެ ތެރޭގައި އޭނާ ވަނީ "މެޑަމް އޮފް ކަމާޓިޕުރާ"ގެ ނަމުގައި މަޝްހޫރުވެގެން ގޮސްފަ އެވެ. މުއްސަދިވެގެން ގޮސް އޭރު ގަންގޫބާއީ ދުއްވީ ވެސް ބެންޓްލީ ކާރެކެވެ. އަދި އޭނާ އަޅާ ސާރިތަކުގައި ރަނުން ހުންނަ ރޭނދާ އަޅާފައި ހުންނަ އިރު ބްލައުސްގައި ހުންނަ ގޮށަކީ ވެސް ރަނެވެ.

ސެކްސް ވޯކަރުންގެ ހައްގަށް ވަކާލާތުކުރި

މަޝްހޫރުކަމާއި މުއްސަދިކަން ލިބުމުން ގަންގޫބާއީ ވަނީ ހަށިވިއްކާ މީހުންގެ ހައްގަށް ވަކާލާތުކޮށްފަ އެވެ. އަދި އެމީހުންނަށް ރައްކާތެރި މާހައުލެއް ހޯދުމަށް ވެސް ގޮވާލި އެވެ. އެކަމާ ގުޅޭގޮތުން ގަންގޫބާއީ ދިން ސްޕީޗަކަށް އިންޑިއާގެ އޭރުގެ ބޮޑު ވަޒީރު ޖަވާހަރްލާލް ނެހެރޫ ވަނީ ތައުރީފުކޮށްފަ އެވެ.

ގަންގޫބާއީ ކަތިއާވަޑީގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހަދާ މި ފިލްމު ސިނަމާތަކަށް އަންނަން ހަމަޖެހިފައި އޮތީ ޖޫން މަހުގެ 30 ވަނަ ދުވަހުގަ އެވެ.