ހެމްބާގް (5 ޖުލައި) – ޔޫރޯގެ ކުއާޓާ ފައިނަލްގައި މިރޭ ޕޯޗުގަލްއާ ދެކޮޅަށް ފްރާންސް ނުކުންނައިރު، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއާ ދެކޮޅަށް ކުޅެން ނުކުތުމަކީ ލިބޭ ފަހުރެއް ކަމަށް ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭ ބުނެފި އެވެ.

ކުރިއަށް އޮތް ސީޒަންގައި އެމްބާޕޭ ،25، ފެންނާނީ ރޮނާލްޑޯގެ ކުރީގެ ކްލަބް ރެއާލް މެޑްރިޑުންނެވެ. ރެއާއްލާ އެކު ރޮނާލްޑޯ ވަނީ ޖެހިޖެހިގެން ހަތަރު ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ.

އެމްބާޕޭ ބުނީ ރޮނާލްޑޯއަކީ އަބަދުވެސް އޭނާ ވަރަށް އިހުތިރާމްކުރާ ކުޅުންތެރިއެއް ކަމަށާއި ރޮނާލްޑޯއާ ދެކޮޅަށް ކުޅުމަކީ ލިބޭ ފަހުރެއް ކަމަށެވެ. އަދި ރޮނާލްޑޯއަކީ އަބަދުވެސް އެނާއަށް ރަނގަޅު ނަސޭހަތާއި އިރުޝާދު ދޭ ކުޅުންތެރިއެއް ކަމަށެވެ.

"އަބަދުވެސް އޭނާ (ރޮނާލްޑޯ) އަހަންނަށް ނަސޭހަތްދޭ. އަދި ކަންތައްތަކުގެ ވާނުވާ އޮޅުން ފިލުވާ. އެ ފެންވަރުގެ ކުޅުންތެރިޔަކާ ދެކޮޅަށް ކުޅުމަކީ ލިބޭ ފަހުރެއް،" އެމްބާޕޭ ބުންޏެވެ. "މެޗުން ކޮންމެ ނަތީޖާއެއް ނުކުތަސް، ރޮނާލްޑޯ ވާނީ ލެޖެންޑަކަށް. އަހަރަމެންގެ އުންމީދަކީ ސެމީ ފައިނަލްގެ ޖާގަ ހޯދުން."

ޕޯޗުގަލް އާއި ފްރާންސް އެންމެ ފަހުން ކުޅުނު 14 މެޗުގެ ތެރެއިން، ފްރާންސް ބަލިވީ އެންމެ މެޗަކުންނެވެ. އެއީ 2016 ވަނަ އަހަރު ފްރާންސްގައި ކުޅުނު ޔޫރޯގެ ފައިނަލްގަ އެވެ.

ފްރާންސްގެ ފޯވަޑުންގެ ދިފާއުގައި ޑެޝޯމްޕްސް

މި މުބާރާތުގައި ފްރާންސް ކުޅުނު ހަތަރު މެޗުގައި ވެސް އެ ޓީމަށް "އޯޕަން ޕްލޭ"ގައި ލަނޑެއް ކާމިޔާބެއް ނުކުރެވޭ އެވެ. މިހާތަނަށް ފްރާންސް ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑަކީ ބައިކޮޅަށް ވަތް ދެ ލަނޑެވެ. ދެން ފްރާންސަށް ލަނޑެއް ޖެހުނީ ޕެނަލްޓީއަކުންނެވެ.

އެކަމަކު ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނީ ފާޑުކިއުންތެރިން ދައްކާ ވާހަކަތަކަށް މާ ބޮޑު ސަމާލުކަމެއް ނުދޭނެ ކަމަށެވެ. އަދި އެ ޓީމުގެ ފޯވަޑުންގެ ދިފާއުގައި އެނާ ވަނީ ވާހަކަދައްކައިފަ އެވެ.

"ފުރަތަމަ މެޗުގައި އެމްބާޕޭއަށް އަނިޔާވެއްޖެ. އެހެންވީމަ އުނދަގޫތަކެއް ހުންނާނެ. (އެންޓުއާން) ގްރީޒްމަން ވެސް ވަރަށް ރަނގަޅަށް އެބަ މަސައްކަތްކުރޭ،" ޑެޝޯމްޕްސް ބުންޏެވެ.