މާލޭގައި އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދޭނެ އަދަދާއި، އުޅަނދު ބޭނުން ކުރެވޭނެ މުއްދަތު ކަނޑައެޅުމަށް ސާވޭއެއްކޮށް އެކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދަން ބޭނުންވާތީ އެސެސްމެންޓެއް ހެދުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ބުރާސްފަތި ދުވަހު ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި މި އެސެސްމެންޓް ހަދައިދޭނެ ފަރާތެއް ހޯދަން ވަނީ އިއުލާނުކޮށްފަ އެވެ.

މި ސާވޭގެ މަސައްކަތްތަކަށް ޝައުގުވެރިވާ ފަރާތްތަކުން 18 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ 1:00 ގައި މާލެ ސިޓީ ކައުންސިލްގެ އިދާރާ (ހ. ހުޅުގަލި 1 ވަނަ ފަންގިފިލާ، ކަރަންކާމަގު) އަށް އަގު ހުށަހެޅުމަށް ވެސް އެ އިއުލާނުގައިވެ އެވެ.

މިހާރުގެ ރައީސް ޑރ މުހައްމަދު މުއިއްޒު މާލެ މޭޔަރުކަމުގައި ހުންނެވިއިރު، 2021 ވަނަ އަހަރުގެ މެއި މަހު ވެސް ވަނީ މާލެ ސިޓީގައި އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދޭނެ އަދަދު ކަނޑައެޅުމުގެ މަސައްކަތް ފެއްޓެވިކަން އިއުލާން ކުރައްވާފަ އެވެ. ނަމަވެސް އެ މަސައްކަތް ކުރިއަށް ނުގޮސް ތިން އަހަރު ވުމަށް ފަހު އަނެއްކާ ވެސް މަސައްކަތް ފެށުމަށް މާލެ ސިޓީ ކައުންސިލުން މިވަނީ އިއުލާންކޮށްފަ އެވެ.