ނޭޝަނަލް ޑްރަގް އެޖެންސީގެ ސީއީއޯކަމުން އިމާދު ސޯލިހު ވަކިކޮށްފި އެވެ.

އިމާދު އެ މަގާމަށް އައްޔަންކޮށްފައި ވަނީ ނޮވެމްބަރު 1، 2022 ގަ އެވެ.

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އެންޑީއޭގެ ޗެއާޕާސަން ލުބުނާ ޒާހިރު ހުސައިން ވިދާޅުވީ އިމާދު މަގާމުން ވަކިކުރަން ފާސްކުރީ މިދިޔަ ބުދަ ދުވަހު ބޭއްވި އެ އެޖެންސީގެ ބޯޑު ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ކަމަށެވެ.

އިމާދު މަގާމުން ވަކިކުރި ސީދާ ސަބަބެއް ސަރުކާރުން ހާމަކޮށްފައެއްނުވެ އެވެ. ކުރިން ޑީއާރްޕީ އާއި ކުރީގެ ބަންޑާރަ ނައިބު ޑރ. ހަސަން ސައީދު އިސްވެ އުފެއްދެވި ގައުމީ ޕާޓީގައި ވެސް މަސައްކަތްކުރެއްވި އިމާދަކީ މިހާރު އެމްޑީޕީގެ މެމްބަރެކެވެ.

އިމާދު މަގާމުން ވަކިކުރުމަށްފަހު އެ މަގާމަށް ބޭފުޅަކު އަދި އައްޔަނެއް ނުކުރެ އެވެ.

މިދިޔަ ސަރުކާރުގައި އެންޑީއޭ ހިންގަމުން އައީ ހެލްތު މިނިސްޓްރީގެ ދަށުންނެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެތަން ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ގޮތަށް ހަމަޖައްސަވާފަ އެވެ.