ކޯ ސްލީޕން ނުވަތަ ކައިރީގައި ކުޑަދަރިފުޅު ނިންދެވުމަކީ، ގިނަ މީހުން ފަސޭހައަކަށް ކުރާކަ މެކެވެ. ނަމަވެސް މިކަމުގައި ޚިޔާލު ތަފާތުވުންތަކެއް ހުރެ އެވެ. އެއްބަޔަކު ދެކޭގޮތުގައި އެކަމަކީ ދަރިފުޅަށް ނުރައްކާތެރިކަމެކެވެ.

އަނެއްބައި މީހުން ދެކޭގޮތުގައި އެކަމަކީ ފައިދާތަކެއް ހިމެނޭ ކަމެކެވެ. ބޭބީ ކައިރީގައި ބާއްވައިގެން ނިދުމަކީ ރަނގަޅުކަމެއް ކަމުގައި ދެކޭ މީހުން، އެގޮތަށް ކަންތައް ކުރަނީ ބޭބީ ކައިރީގައި ބާއްވައިގެން ނިދުމުގެ ސަބަބުން ބޭބީއަށް ވެސް އަދި ބޭބީ ބަލަހައްޓާ މަންމަ ނުވަތަ ބައްޕައަށް، ބޭބީ ރޯން ފަށާ ކޮންމެ ފަހަރަކު އެނދުން ތެދުވެގެން ބޭބީ ކައިރިއަށް ދިއުމުގެ ސަބަބުން ނިދި ހަލާކުވުމުން ސަލާމަތްވުމަށެވެ. ހަމަ އެފަދައިން ކައިރީގައި ބޭބީ ނިންދެވުމުން ނިދި ހަލާކުވުމުން ސަލާމަތް ކުރުމަށެވެ. ބޭބީއެއް ބަލަހައްޓާ މަންމަ ނުވަތަ ބައްޕަ އަދި އެނޫން މީހެއް ނަމަވެސް ފުރިހަމަ ނިންޖެއް ލިބުމަކީ ދުވާލު ގަޑީގައި ތަޒާކޮށް ހުރުމަށް ވަރަށް މުހިންމު ކަމެކެވެ، އެހެން ނޫނަމަ، ދުވާލުގެ ވަގުތުތަކުގައި ވަރުބަލިވެ، ބޮލުގައި ރިއްސުމުގެ ސަބަބުން މަސައްކަތް ކުރަން އުނދަގޫވާނެ އެވެ.

ރަނގަޅުގޮތަކީ ކޮބާ؟

އެއް އަހަރުން ދަށުގެ ކުޑަކުދިން ކައިރީގައި ނުނިންދެވުމަށް، ސިއްހީ މާހިރުން ލަފާދެއްވަ އެވެ. އަދި ވަކިން ޚާއްސަކޮށް ދުވަސްނުފުރާ ވިހާފައިވާ ކުދިންނާއި، ބަލި ހާލަތުގައިވާ މަންމަ ނުވަތަ އެފަދަ އެހެން މީހެއްގެ ކައިރީގައި ނަމަވެސް އެހާ ޅައުމުރުގެ ކުދިން ކައިރިގައި ނިންދެވުން ރައްކާތެރިއެއް ނޫނެވެ. ބަލި ހާލަތޭ މިތާ މާނަ ކުރަނީ ބޭހެއް ބޭނުންކުރުމުގެ ސަބަބުން، ނިދިއައުން ނުވަތަ ވަރުބަލިވާ ހާލަތްތަކެވެ. މިފަދަ ހާލަތެއްގައިވާ މީހެއް ނަމަ އެމީހެއްގެ ސަބަބުން ކުޑަ ކުއްޖާއަށް ނުރައްކަލެއް ދިމާވުން ގާތެވެ. ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނާ އެއް އެނދުގައި ނުނިންދެވުމަށް ވެސް އެބޭފުޅުން ލަފާދެއްވަ އެވެ.

އެއް އަހަރުން ދަށުގެ ކުޑަކުދިން ކައިރީގައި ނުނިންދެވުމަށް ސިއްހީ މާހިރުން ލަފާދެއްވާ

ކައިރީގައި ބޭބީ ނިންދެވުން ރަނގަޅު ނޫން ކަމަށް ބުނާ ކުޑަކުދިންގެ ސިއްހަތާބެހޭ ސިއްހީ މާހިރުން ލަފާދެއްވަނީ، ބޭބީ ވަކި އެނދެއްގައި ނިންދެވުމަށެވެ. އެހެން ނަމަވެސް އެ އެނދު ބޭބީ ބަލަހައްޓާ މީހާއަށް ފަސޭހައިން އަވަހަށް އާދެވޭހާ ކައިރިއެއްގައި ހުރުމަށެވެ. މިގޮތަށް އެއްކޮޓަރިއެއްގައި ނަމަވެސް ދެ އެނދެއްގައި ބޭބީ ނިންދެވުމުގެ މަގުސަދެއްކަމުގައި އެބޭފުޅުން ވިދާޅުވަނީ، ކައިރީގައި ބޭއްވުމުން އެކްސިޑެންޓަކުން ބޭބީއަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމެވެ. މިސާލަކަށް ގައި ދަށުވުމާއި، ބޭބީގެ މޫނުމަތީގައި އެއްޗެއް އެޅި، ނޭފަތް ބެދި، ނޭވާ ހާސްވުން ފަދަ ކަމެއް ދިމާވުމުން ސަލާމަތްވެ ހުރުމެވެ. އެއްކޮޓަރިއެއްގައިވާ ނަމަ ބޭބީގެ ބޭނުންތައް އަވަހަށް ފުއްދައިދިނުމަށް އުނދަގުލެއް ނުވާނެ ކަމަށް އެބޭފުޅުން ވިދާޅުވެ އެވެ.

ބޭބީއެއް ނިންދެވުމުގައި ސަމާލުވާން ޖެހޭ ބައެއްކަންކަން

އެނދުން ވެއްޓުމުގެ ފުރުސަތު ނުދިނުމަށްޓަކައި، އެނދުގެ މަގަތުގައި އެއްވެސް ވަރަކަށް ނުބޭއްވުމާއި، ބޭބީ އަބަދުވެސް އުޑުތިލަމަތިން ބޭއްވުމަކީ ވަރަށް މުހިންމު ކަމެކެވެ. އުޑުތިލަ މަތިން ބޭއްވުމުން ނޭވާބެދެން ދިމާވެދާނެ ކަންކަމުން ބޭބީ ރައްކާތެރިކޮށްދެ އެވެ. ނޭވާ ނުލެވިދާނެ ހާލަތަކުން ރައްކާކޮށްދިނުމަށްޓަކައި ތުއްތު ދަރިފުޅު ނިދާއިރު ކައިރީގައި ބާލިސް، ބްލެންކެޓް ނުބެހެއްޓުމާއި، އަދި އެހެން ކުޑަކުދިން ނުނިންދެވުން ވެސް އެހާ މުހިންމެވެ.

ބޭބީއެއް ކައިރީގައި އެހެން މީހަކު ނިދަންވާނީ އެ އެނދަކީ ޖާގަބޮޑު އެނދެއް ނަމަ އެވެ. ނޫން ނަމަ ބޭބީގައި ދަށުވުމުގެ ޗާންސް ވަރަށް ބޮޑުވާނެ އެވެ. މުޅި އާއިލާ ނިދަނީ އެއް ކޮޓަރިއެއްގައި ނަމަ، އެހެން ކުޑަކުދިންނާ ވަކިން ބޭބީ ނިންދެވުން ވަރަށް މުހިންމެވެ.

ބޭބީ ނިންދަވާ އެނދަކީ ފާރެއްގައި ޖައްސާފައިވާ އެނދެއް ނަމަ ފާރާ ފިތި، ނުރައްކާތެރި ހާދިސާއެއް ހިނގުމުން ރައްކާތެރިވުމަށްޓަކައި ބޭބީ ފާރާއި ދުރުގައި ބާއްވާށެވެ.

ބޭބީ ފުރޮޅޭ އުމުރަށް އެޅުމުން އުސް އެނދެއްގައި ބޭއްވުމަށް ވުރެ ތިރީ ގޮދަޑިއެއްގައި ބޭއްވުމަކީ އެންދުން ވެއްޓި ގެއްލުމެއް ލިބުނަ ނުދިނުމަށްޓަކައި އެޅިދާނެ ވަރަށް މުހިންމު ފިޔަވަޅެކެވެ.