މީގެ ދެ އަހަރު ކުރިން މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖެ ޓީވީން ތައްޔާރުކުރި "ފެހިފެހި އާޒާދީ" ލަވަޔަށް އާމިނަތު ޒާރާ ނެށި އިރު އެއީ ކާކުކަން އެނގޭ މީހަކު މަދުވާނެ އެވެ. ނަމަވެސް މި އަހަރުގެ ބޮޑު އީދުގައި ބ. ކަމަދޫގައި ބޭއްވި އީދު ކުޅިވަރުތަކަށް ފަހު ޒާރާ ނުދަންނަ މީހަކު މަދުވާނެ އެވެ.

އެންމެ ކުޑައިރުއްސުރެ ކަމަދޫގެ އީދު ކުޅިވަރުތަކުގައި ބައިވެރިވާން ފެށި މި ޒުވާނާ ނެށުމުގެ ތެރެއަށް ޝައުގު އުފެދުނީ އާއިލާތެރޭންނެވެ.

ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި އިއްޔެ ވާހަކަ ދައްކަމުން ޒާރާ ބުނީ ކުޑައިރުއްސުރެ ކަމަދޫގެ އީދު ކުޅިވަރުތަކުގައި އޭނާ ބައިވެރިވަމުން އަންނަ ކަމަށެވެ. ސްކޫލްގައި ގްރޭޑް 5-6 ގައި އުޅުނު އިރު ވެސް އީދުގެ ހަރަކާތްތަކުން އޭނާ ފެނެ އެވެ.

"ފެމިލީ އެންމެންނަކީ ވެސް ނަށާ މީހުން. މާމަ ފަރާތުން ފެށިފައި ވަނީ. މާމައަކީ ބަނޑިޔާ ގްރޫޕުގައި ނަށާ އުޅުނު މީހެއް. ފެމިލީ އެންމެންނަކީ ވެސް އީދުގެ ހުރިހާ ހަރަކާތެއްގައި ބައިވެރިވެ އުޅުނު ބައެއް،" ކަމަދޫން ގެނެސްދިން ޕްރޮގްރާމުގައި ޒާރާ ބުންޏެވެ.

https://www.facebook.com/watch/?v=5518789834853217

ކަމަދު އަކީ އީދު ކުޅިވަރަށް މުޅި ރާއްޖެ އަށް ވެސް މަޝްހޫރު ރަށެކެވެ. ޚާއްސަކޮށް މި އަހަރު އެ ރަށުގެ އީދު ހަރަކާތްތައް މުޅި ރާއްޖެ އަށް ވެސް މަޝްހޫރުވި އެވެ.

ކަމަދޫ ކައުންސިލްގައި މަސައްކަތް ކުރާ އުމުރުން 23 އަހަރުގެ ޒާރާ ބުނީ އީދަށް ތައްޔާރުވާން ސަގާފީ ކުޅިވަރުތަކަށް ނަށާ ޓީމު އެއްކޮށް ފަރިތަކުރަން ދެތިން މަސް ކުރިން ފަށާނެ ކަމަށެވެ. އަދި ސްޓޭޖް ހަރަކާތްތައް ފަށާނީ އީދަށް ދެތިން ދުވަހަށް ވުމުން ކަމަށް އޭނާ ބުންޏެވެ.

ވަކި ވައްތަރެއްގެ ނެށުމަށް ޒާރާ ވަކި ޝައުގެއް ނެތް ނަމަވެސް އީދުގައި ކަމަދޫގައި ބޭއްވި ނެށުމުގެ ހުރިހާ ހަރަކާތަކުން ވެސް އޭނާ ފެނުނެވެ. ސަގާފީ ކުޅިވަރުތަކާއި ސްޓޭޖް ހަރަކާތްތަކަކީ ޓީމުގެ މެންބަރުން ގުޅިގެން ސްޓެޕްތައް ނަގަން ދަސްކުރި އައިޓަމްތައް ކަމަށް ޒާރާ ބުންޏެވެ. އޭގެ ތެރޭން ބައެއް ލަވަތައް ޒާރާ ވެސް ލީޑްކޮށްފައިވެ އެވެ. މި އީދުގައި އެންމެ ބޮޑަށް ފާހަގަވި އެއްލަވައަކީ ކަމަދޫ އީދުގެ ޕްރޮމޯޝަން ލަވަ ކަމަށް ޒާރާ ބުންޏެވެ.

https://www.youtube.com/watch?v=b69lZaJKaNk

އީދުގެ ހަރަކާތްތަކަށް ފަހު ކަމަދޫގެ ނަށާ ޓީމަށާއި ޒާރާ އަށް ވެސް ތަފާތު ކޮމެންޓްތައް ލިބުނެވެ. އޭނާ ބުނީ ބޮޑަށް ފެނުނީ ޕޮޒިޓިވް ކޮމެންޓްސް ކަމަށާއި އެ އެންމެންނަށް ޝުކުރު އަދާކުރާ ކަމަށެވެ. ޒާރާ ގަބޫލްކުރާ ގޮތުގައި ނެށުމުގައި އޭނާ މިއަދު އެ ހުރި ހިސާބަށް އާދެވުނީ އާއިލާ އާއި ކަމަދޫ ކައުންސިލާއި ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމުގެ ސަބަބުންނެވެ. އެހެންވެ އެ އެންމެންނަށް އޭނާ ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ކަމަދޫގެ އީދު ހަރަކާތްތަކުން ފާހަގަވި ޒަރާ ނަށަނީ.

ހަބޭސް ބޮޑުބެރު ގްރޫޕާ ގުޅިގެން ރާއްޖެ ޓީވީން 2022 ވަނަ އަހަރު އުފެއްދި ލަވައަކުން ފާހަގަވި ޒާރާ އަށް އެ ފުރުސަަތު ލިބުނީ އޭނާގެ ރަހުމަތްތެރިއެއްގެ ފަރާތުންނެވެ. އޭރު އާއްމުންގެ ޕަބްލިސިޓީ އަށް ޒާރާގެ އެއްވެސް ޝައުގެއް ނެތް ނަމަވެސް މިހާރު އެއީ މުޅި ރާއްޖޭގެ ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާ ޒުވާނެކެވެ.