ހެމްބާގް (5 ޖުލައި) – ޔޫރޯގެ ކުއާޓާ ފައިނަލްގައި ރޭ ޕެނަލްޓީ ޖަހައިގެން ޕޯޗުގަލް އަތުން 5-3 އިން މޮޅުވެ، ފްރާންސް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ސެމީ ފައިނަލްގައި ފްރާންސްއާ ދެކޮޅަށް ނުކުންނާނީ ކުއާޓާ ފައިނަލްގައި ރޭ މުބާރާތުގެ ހޯސްޓް ޖަރުމަން އަތުން މޮޅުވި ސްޕެއިން އެވެ.

މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފު ނިމުނުއިރުވެސް ދެ ޓީމު އޮތީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ.

ޕޯޗުގަލްގެ ޕެނަލްޓީތަކުގެ ތެރެއިން، ޕެނަލްޓީ ނާކަމިޔާބުކުވީ ޖޮއާއޯ ފެލިކްސްއަށެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ފެލިކްސް ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބެނާޑޯ ސިލްވާ އާއި ނޫނޯ މެންޑޭސް ފޮނުވާލި ޕެނަލްޓީތައް ކާމިޔާބުކުރި އެވެ.

ފްރަންސް މޮޅުވި ޕެނަލްޓީ ޖެހީ ޑިފެންޑަރު ތިއޯ ހެނާންޑޭޒް އެވެ. އެ ޓީމުގެ ބްރެޑްލީ ބަކޯލާ އާއި ޔޫސެފް ފޮފާނާ އާއި ޖޫލްސް ކޫންޑޭ އަދި އުސްމާނޭ ޑެމްބެލޭ ވަނީ ޕެނަލްޓީތައް ކާމިޔާބުކޮށްފަ އެވެ.

މުބާރާތުގެ ގަދަ 16ގައި ސްލޮވީނިއާއާ ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗުގެ ޝޫޓްއައުޓްގައި ސްލޮވީނިއާގެ ތިން ޕެނަލްޓީ މަތަކުރި ޕޯޗުގަލްގެ ގޯލްކީޕަރު ޑިއޯގޯ ކޮސްޓާއަށް މިރޭގެ ޝޫޓްއައުޓްގައި ފްރާންސްގެ ޕެނަލްޓީއެއް ނުހުއްޓުވުނެވެ.

މެޗުގެ ކުރިން އެންމެ ބޮޑު ސަމާލުކަމެއް ލިބުނީ ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭ އާއި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށެވެ. އެކަމަކު ދެ ކުޅުންތެރިންނަށް ވެސް ނަތީޖާ ބަދަލުކޮށްލެވޭ ގޮތެއްނުވި އެވެ.

އެކްސްޓްރާ ޓައިމްގައި އެމްޕާބޭ ވަނީ ބާލައިފަ އެވެ. ނޭފަތަށް ލިބުނު އަނިޔާއަކާ ގުޅިގެން މާސްކެއް އަޅައިގެން ކުޅެމުންދިޔަ އެމްބާޕޭ ބޭކީ އޭނާގެ ނޭފަތަށް ތަދުވެގެނެވެ.