ހޮލީވުޑްގައި އާއިލީ ގުޅުންތަކަކީ މައްސަލަބޮޑު ކަމަކަށް ވެފައި ވީ ނަމަވެސް އާއިލީ ގޮތުން ގުޅިފައިވާ ތަރިން ބޮޑު ސްރީނުން އެކުގައި ފެންނަން ގިނަ ބަޔަކު ބޭނުންވެ އެވެ.

މަޝްހޫރު އެކްޓްރެސް ޖޫލިއާ ރޮބާޓްސްއާއި އޭނާއަށް ބޮޑުދައިތަ ކިޔާ ތަރި އެމާ ރޮބާޓްސްއަކީ ވެސް އެފަދަ ދެތަރިންނެވެ. އާއިލީ ގާތްކަމާއެކު ވެސް މިހާތަނަށް ފިލްމަކުން އެ ދެމީހުން އެކުގައި ފެނިފައިނުވާ ސަބަބު އެމީ ވަނީ ބުނެދީފަ އެވެ.

އެމާ ބުނީ އޭނާގެ ބޮޑު ދައިތައާއެކު މަސައްކަތް ކުރަން ވަރަށް ބޭނުންވާ ކަމަށާއި އެހެން ނަމަވެސް އެކަމަށް އެންމެ ރަނގަޅު ޕްރޮޖެކްޓް އަދި ނުލިބޭ ކަމަށެވެ.

"އަހަރުމެން އެކަކު އަނެކަކަށް ފޮތްތަކާއި އެހެން އެއްޗެހި ހިއްސާކޮށް ހަދަން. އެކަމަކު ހަމަ ރަނގަޅު ޕްރޮޖެކްޓެއް ނުލިބޭ،" އެމާ ބުނެފައިވެ އެވެ.

ޖޫލިއާ އަކީ 1990 އާއި 2000ގެ ކުރީކޮޅު ހޮލީވުޑްގެ އެންމެ ކާމިޔާބު އެއް ތަރިއަށް ވާއިރު އޭނާގެ ބޭބެ އެރިކްގެ ދަރިފުޅު އެމާއަކީ ހޮލީވުޑުގެ ޒުވާން ތަރި އެކެވެ.

އެ ދެމީހުން އެކުގައި ބޮޑު ސްކްރީނުން ފެނިފައި ނުވި ނަމަވެސް 2010 ވަނަ އަހަރު ނުކުތް "ވެލަންޓައިންސް ޑޭ"ގެ ތަފާތު ދެ ވާހަކައެއްގައި އެމީހުން ފެނިފައިވެ އެވެ.