2022 ވަނަ އަހަރު ކުރީގެ އަންހެނުން އެމްބާ ހާޑްއާ ދެކޮޅަށް ޖޮނީ ޑެޕް ކުރި އަބުރުގެ ދައުވާ ކާމިޔާބުކުރި ފަހުން އޭނާއަށް ފުރަތަމަ ފަހަރަށް އެވޯޑެއް ލިބިއްޖެ އެވެ.

ފްރާންސްގެ ތާރީހީ ފިލްމެއް ކަމަށްވާ "ޖީން ޑި ބެރީ"ގައި ޖޮނީ ދައްކުވައިދިން ރޯލަށް އޭނާއަށް އެވޯޑު ލިބިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ލަންޑަންގައި ބޭއްވި ހަފްލާއެއްގަ އެވެ.

އެވޯޑު ގަބޫލު ކުރަމުން ރެކޯޑު ކޮށްފައިވާ ވީޑިއޯއެއް މެދުވެރިކޮށް ޖޮނީ ބުނެފައިވަނީ އޭނާގެ ހޮލީވުޑް ކެރިއަރަކީ އަޑިގަނޑުތަކާއި އުސްގަނޑުތައް ގިނަ ދަތުރެއް ކަމަށެވެ.

"މިއަދާ ހަަމައަށް ވެސް މަސައްކަތުގައި ދެމިހުރުމަށް ލިބިފައިވާ ފުރުސަތަކީ އަހަންނަށް އޮތް ބޮޑު ނަސީބެއް. އެކަމަށް ޝުކުރުވެރިވަން،" ޖޮނީ ބުނެފައިވެ އެވެ.

އެ ވީޑިއޯގައި ޖޮނީ ވަނީ އަހަރުތަކުގެ ތެރޭގައި ދެގޮތެއް ނުވެ އޭނާއާއެކު ދެމިތިބި ކަމަށްޓަކައި އޭނާގެ ސަޕޯޓަރުން ވެސް ޝުކުރު އަދާކޮށްފަ އެވެ.

ޖޮނީ ޑެޕް މިހާތަނަށް ހޮލީވުޑްގައި ގިނަ ފިލްމުތަކެއް ކުޅެފައިވާއިރު އޭނާގެ އެންމެ ފާހަގަކޮށްލެވޭ ރޯލަކީ "ޕައިރެޓްސް އޮފް ދަ ކެރީބިއަން"ގައި އޭނާ ދައްކުވައިދިން "ކެޕްޓަން ޖެކް ސްޕެރޯ" އެވެ.