ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރު ކަމުގައި މަގު ހެދުމުގެ ޕްރޮޖެކްޓްގެ ކޮންސަލްޓަންޓެއްގެ ގޮތުގައި މާލޭ ސިޓީ ކައުންސިލުން ވަޒީފާ ދީފައިވާ އަހްމަދު މަމްދޫހަށް އެއްވެސް މަސައްކަތެއް ނުކޮށް ބޮޑު މުސާރަ ދެމުންދާކަން ހާމަވެއްޖެ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "ހުރިހާ" އިން ހޯދަން އެދުމުން ސިޓީ ކައުންސިލުން ދީފައިވާ މައުލޫމާތުގައިވާގޮތުން މަމްދޫހުގެ މުސާރައަކީ 37،500 ރުފިޔާ އެވެ.

އޭނާއަށް ވަޒީފާ ދީފައި ވަނީ މަގު ހެދުމުގެ ޕްރޮޖެކްޓްތަކާ ގުޅިގެން ކޮންސަލްޓެންސީ ހޯދުމަށެވެ. އޭނާއަށް އެ ވަޒީފާ ދީފައި ވަނީ 2021 އޮކްޓޯބަރު ހަ ވަނަ ދުވަހު އެވެ.

ވަޒީފާ ދިން ދުވަހުން ފެށިގެން މިހާތަނަށް މަމްދޫހު ދިނީ ކިތައް ކޮންސަލްޓެންސީތޯ ސުވާލުކުރުމުން ސިޓީ ކައުންސިލުން ބުނީ އޭނާ ކުރާ މަސައްކަތުގެ ރެކޯޑް އެ ކައުންސިލުން ބަލަހައްޓަމުން ނުދާތީ އެ މައުލޫމާތު ނޭނގޭ ކަމަށެވެ.

މަމްދޫހުގެ މަގާމުގެ މަސްއޫލިއްޔަތަކީ މަގު ހެދުމުގެ ޕްރޮޖެކްޓްތަކަށް ކޮންސަލްޓެންސީ ދިނުން ކަމަށްވާއިރު، ސިޓީ ކައުންސިލުން މިހާތަނަށް މަގު ހެދުމުގެ އެއްވެސް ޕްރޮޖެކްޓެއް ކުރިއަށް ގެންގޮސްފައެއްނުވެ އެވެ. މާލޭގެ މަގު ހެދުމުގެ މަޝްރޫއުތައް ހިންގަމުން އައީ ސަރުކާރުންނެވެ. އެގޮތުން އެންމެ ފަހުން ތަރައްގީކުރި މާލޭގެ އަމީނީ މަގު ހެދުމުގެ މަސައްކަތް އާރްޑީސީން ކުރިއަށްގެންދިޔައީ ސަރުކާރުން އެ މަސައްކަތް ހަވާލުކުރުމުންނެވެ. އެ ކުންފުނީގައި ވެސް އެ މަސައްކަތަށް ކޮންސަލްޓެންސީ ދޭ މުވައްޒަފުން ތިބެ އެވެ.

މަމްދޫހަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.