ރިޔާސީ އިންތިހާބައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކީގައި ބާއްވަން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ޖަހަގައިގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އިންތިހާބުތައް ބޭއްވުމުގައި އިގްތިސާދަށް ގެއްލުން ނުވާގޮތަށް ބައްޓަން ކުރަން ޖެހޭކަމަށެވެ. އެގޮތުން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުއެކީގައި ބޭއްވުމަށް ގާނޫނަށް އިސްލާހު ގެނައުމަަށް ސަރުކާރުން ހުށަހަޅުއްވާނެ ކަމަށެވެ.
"މަޖިލިސް އިންތިހާބު ނިމިގެންދިޔައިރު 120 މިލިއަނަށް ވުރެން ގިނައިން ހަރަދުވެފައި ވާކަމަށާއި ދިވެހި ރައްޔިތުންނަށް އެންމެ ފައިދާ ހުރިގޮތަކަށް ވާނީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކި އެކީގައި ބޭއްވުމުން" ރައީސް ވިދާޅުވި އެވެ.
މިކަން މިގޮތަށް ބަދަލުކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން ކަމަށާއި އެހެންކަމުން ރައްޔިތުންގެ ރުހުން ލިބިއްޖެނަމަ މަޖިލިސްގެ މި ދައުރުގައި ނުވަތަ މި އަންނަ އަހަރު އެ އިސްލާހު ހުށަހަޅުއްވާނެ ކަަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް 120 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވި ކަމަށެވެ. އަދި ރިޔާސީ އިންތިހާބަށް 180 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އެހެންކަމުން އެކުއެކީގައި ދެ އިންތިހާބު ބާއްވައިފިނަމަ ރައްޔިތުންގެ ފައިސާ އިން 120 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެއިތުރުން ކޮމިޝަންތަކުގެ މެމްބަރުންނާއި ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ވަރަށް އަވަހަށް ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.