ރައްޔިތުން މަޖިލީހަށް ކުއްލި މައްސަލަ ފަސޭހައިން ހުށަނޭޅޭ ގޮތް ހެދުމަށް ޕީއެންސީގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމް ގޮވާލައްވައިފި އެވެ.

މުހައްމަދު މުސްތަފާ މިހެން ގޮވާލައްވާފައި ވަނީ މިއަދު ކުރިއަށް ދާ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ މިހާރު އޮތް ގޮތް ބަދަލުކޮށް ފަސޭހައިން އެކަން ނުކުރެވޭނެ ގޮތް ހެދަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުވެސް ހަމަ ތަކުރާރުކޮށް އެދެން މިފަދަ ބޭކާރު ބިލްތައް ނުވަތަ ކުއްލި މައްސަލަތައް ނުވަންނަ ގޮތަކަށް އަޅުގަނޑުމެންގެ މިހާރުގެ ކަންކަން ފަރުމާކުރަން ޖެހޭ، ވަކި އަދަދެއް އޮވެގެން ނޫނީ މައްސަލަ ހުށަނޭޅޭ ގޮތް ހަދަންޖެހޭ ކަމަށް ފެނޭ" މުސްތަފާ ވިދާޅުވި އެވެ.

މުސްތަފާ މިހެން ވިދާޅުވެފައި މިވަނީ ބޭރުގައި ކިޔަވާ ދަރިވަރުންނަށް ސަރުކާރުން ފައިސާ ދިނުން ލަސްވާތީ ރައްޔިތުންގެ މަޖިލީހަށް މިއަދު އިދިކޮޅު އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލުމާ ގުޅިގެން ވާހަކަ ދައްކަވަމުން ނެވެ.

މަޖިލީހުގައި މިއަދު ހިނގަމުންދާ ކޮޕީ ރައިޓްސް ގާނޫނުގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން މުސްތަފާ ވަނީ މިއަދު އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް ނާޒިލް ހުށަހެޅުއްވި ކުއްލި މައްސަލައަކީ ބޭކާރު މައްސަލައެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.

ނިމިދިޔަ ހަފްތާގައި ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަދަދު ހާމަކުރަން ގޮވާލާ އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލައާ ގުޅިގެން ހިތަދޫ މެދު ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު އަޒާން ވެސް ވިދާޅުވެފައި ވަނީ އެ މައްސަލަ ބަލައި ގަތުމަށް ވޯޓު ނުދެއްވީ އެމްޑީޕީން ވަގުތު ބޭކާރު ކުރަން އުޅޭތީ ކަމަށެވެ.