އެމްޑީޕީގެ ނައިބު ރައީސް ކަމަށް ތުޅާދޫ ދާއިރާގެ ކުރީގެ މެންބަރު ހިސާން ހުސައިން ނަން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ހުށަހަޅުއްވައިފި އެވެ.

މިކަން ހާމަ ކުރައްވާ އެމްޑީޕީގެ ރައީސް ޝާހިދު ވިދާޅުވީ އެމްޑީޕީގެ ނައިބު ރައީސްގެ މަގާމަށް މަޖިލީހުގެ ތުޅާދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި އެމްޑީޕީއަށް މެދުކެނޑުމެއް ނެތި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކޮށްދެއްވަމުން ގެންދަވާ، ޕާޓީގެ ލީގަލް ޑިރެކްޓަރު ހިސާން ހުސައިން އެ މާގާމަށް ޢައްޔަނު ކުރުމަށް ޤައުމީ މަޖިލީހުގެ ރުހުން އޮތްތޯ ބެލުމަށް އަސާސީ ގަވާއިދުގައި ވާގޮތުގެ މަތިން މިއަދު ހުށަހަޅުއްވާފައިވާ ކަމަށެވެ.

"އަލްއުސްތާޒާ ހިސާން ހުސެއިން މިޕާޓީއަށާއި، ޕާޓީގެ މެމްބަރުންނަށް ކޮށްދެއްވާފައިވާ އިހްލާސްތެރި ގިނަގުނަ ހިދުމަތްތަކަށް ބަލާއިރު، އެކަމަނާއަކީ މި މަޤާމަށް އެންމެ އެކަށީގެންވާ ބޭފުޅެއްކަމަށް އަޅުގަނޑު ދެކެން،" ޝާހިދު ވިދާޅުވެފައިވެ އެވެ. އަދި މި ނިންމެވުމުގައި އެމްޑީޕީގެ ލީޑަރޝިޕްގައި މިވަގުތު އަންހެން ބޭފުޅުން މަދުވުމުން އެކަމަށް ވެސް ވިސްނަވާފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.

ހިސާން ހުސައިން އެމްޑީޕީގެ ލީގަލް ޑިރެކްޓަރުގެ ގޮތުގައި މަސައްކަތް ކުރައްވާތާ ވަރަށް ގިނަ ދުވަސް ވެއްޖެއެވެ. އެގޮތުން 2012 އިން 2018 އަށް އެމްޑީޕީ އިދިކޮޅުގައި ޕާޓީގެ ގޮތުގައި އޮތްއިރު ޕާޓީގެ ގިނަ އިސްވެރިން ޖަލަށްލުމާއި ގުޅިގެންނާއި ސިޔާސީ އެކި ދައުވާތަކުގެ ދިފާއުގައި އޭނާ ވަނީ މަސައްކަތް ކުރައްވާފަ އެވެ.