ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން އަށް ލިބުނު އަނިޔާއަކާ ގުޅިގެން، މަދުވެގެން ފަސް ހަފުތާއެއްހާ ދުވަހުގެ މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަންޖެހިދާނެ ކަމަށް ބެލެވިއްޖެ އެވެ.

ހެންޑަސަންގެ އުކުޅުވަޅަށް އަނިޔާވީ، އިނގިރޭސި ޕްރިމިއާ ލީގުގައި މި މަހުގެ 20 ވަނަ ދުވަހު އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.

ލިވަޕޫލުން ނެރުނު ބަޔާނެއްްގައި ބުނެފައިވަނީ ހެންޑަސަން އަށް ލިބުނު އަނިޔާއާ ގުޅިގެން ސާޖަރީއެއް ހަދާފައިވާ ކަަމަށެވެ. ހެންޑަސަން އަށް ކުޅެން ނުކުމެވޭނެ މުއްދަތެއް އެ ބަޔާނުގައި ނުބުނެ އެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި ހެންޑަސަން އަށް އެންމެ އަވަހަށް ކުޅެން ނުކުމެވޭނީ ފަސް ހަފުތާ ފަހުންނެވެ. އެކަމަކު މި މުއްދަތު 8 ނުވަތަ 10 ހަފުތާ އަށް އިތުރުުވުމުގެ ފުރުސަތު އެބައޮތެވެ.

ހެންޑަސަން އަކީ ލިވަޕޫލަށް މުހިންމު ކުޅުންތެރިއެކެވެ. ލިވަޕޫލްގެ މުހިންމު ޑިފެންޑަރުން ނެތް ދަނޑިވަޅުތަކުގައި، ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ވަނީ އޭނާ ވަނީ ޑިފެންސްގައި ވެސް ބޭނުންކޮށްފަ އެވެ.