ބްރޯޑްކާސްޓިން ކޮމިޝަން ((ބްރޯޑްކޮމް)ގެ މެންޑޭޓުން ބޭރުން ނޫސްވެރިން އެކްރެޑިޓް ކުރާނެ އުސޫލެއް އެ ކޮމިޝަނުން ހަދައިފި އެވެ.

ބްރޯޑްކޮމް އިން އެ އުސޫލުގެ މަގުސަދުތަކުގެ ތެރޭގައި ބްރޯޑްކާސްޓިން ދާއިރާގައި މަސައްކަތް ކުރާ ނޫސްވެރިންގެ ދަފްތަރެއް އެކުލަވައިލުމާއި އެ ދާއިރާގައި މަސައްކަތްކުރާ ނޫސްވެރިންނަށް ފާސްދޫކުރުން ހިމެނޭ ކަމަށެވެ.

އެ އުސޫލުގެ ދަށުން ފާސް ދޫކުރާނީ ބްރޯޑްކާސްޓިން އަދި ކޮމިއުނިކޭޝަން ދާއިރާ އާއި މި ދެ ދާއިރާއާ ގުޅުން ހުރި އެހެނިހެން ދާއިރާތަކުން ދަށްވެގެން އެމްކިއުއޭ ލެވެލް ތިނެއްގެ ސެޓްފިކެޓެއް ހާސިލް ކޮށްފައިވާ ފަރާތްތަކަށް ނުވަތަ އެ ދާއިރާއިން މަދުވެގެން ތިން އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އެ ފާސް ދޫކުރުމަށް ހާއްސަ ތަމްރީން ޕްރޮގްރާމެއް ހަދަން ޖެހޭ ކަމަށް އެ އުސޫލުގައި ބުނެ އެވެ. އެ އުސޫލުގައިވާގޮތުން ފާސް ދޫކުރަނީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް (ސުލޫކީ މިންގަނޑު) ދަސްވެފައިވުމާއި ބްރޯޑްކާސްޓްކުރުމުގައި ކުޑަކުދިން ހިމާޔަތްކުރުމުގައި އަމަލުކުރަންވީ ގޮތް ދަސްވެފައިވުމާއި ބްރޯޑްކާސްޓްކުރުމުގައި އަންހެނުންގެ ހައްގުތައް ހިމާޔަތް ކުރުމުގައި އަމަލުކުރަންވީ ގޮތް ދަސްވެފައިވުމާއި ގުދުރަތީ ކާރިސާތަކާއި ހިތާމަވެރި ހާދިސާތައް ކަވަރުކުރުމުގައި އަމަލުކުރަންވީ ގޮތް ދަސްވެފައިވުމާއި މުޒާހަރާއާއި ހަލަބޮލި ހާލަތުތައް ކަވަރުކުރުމުގެ ގައިޑްލައިން ދަސްވެފައިވުމާއި އިންތިހާބުގެ ދުވަސްވަރު ސިޔާސީ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ ގައިޑްލައިން ދަސްވެފައިވުމުންނެވެ.

އެކަންކަން ދަސްވެފައިވޭތޯ ބަލަން އެ ދާއިރާތަކަށް އަހުލުވެރިވެފައިވާ މިންވަރު ވަޒަންކުރަން ކޯހެއް ހަދަންޖެހެ އެވެ. އެ ކޯހުގައި ބައިވެރިވުމުގެ ފީ އަކީ 100 ރުފިޔާ އެވެ.

މިއީ ގާނޫނީގޮތުން އެ ކޮމިޝަނަށް ލިބިގެންވާ ބާރެއް ނޫނެވެ. މިފަދަ އުސޫލެއް ހެދީ މީޑިއާ ކައުންސިލާ ވެސް މަޝްވަރާ ކުރުމެއް ނެތި އެވެ. އަދި ނޫސްވެރިންގެ ހިޔާލު ވެސް ހޯދާފައެއް ނުވެ އެވެ.

މިޑިއާ ކައުންސިލްގެ މެމްބަރަކު ވިދާޅުވީ ބްރޯޑްކޮމް އިން އެ އުސޫލު ހެދިކަން އެނގުމުން ލިބުނީ ކުއްލި ހައިރާން ކަމެއް ކަމަށެވެ.

"އެއްވެ އުޅުމުގެ މިނިވަންކަމުގެ ދަށުން ބްރޯޑްކޮމްއަށް މަތިކޮށްފައި ވަނީ މުޒާހަރާތަކަށް ދާން ބޭނުންވާ ފާސް ދޫކުރުން. އެ ފާސް އަޅައިގެން މުޒާހަރާތަކުގައި ނޫސްވެރިންނަށް ހަރަކާތްތެރިވެވޭނީ. އެ ފާހަކީ ހަމައެކަނި މުޒާހަރާތައް ކަވަރުކުރަން ދާ ފާހެއް. އެ ނޫންކަމެއްގައި އެ ފާސް ބޭނުމެއް ނުކުރެވޭނެ،" މީޑިއާ ކައުންސިލްގެ މެމްބަރު ވިދާޅުވި އެވެ.