ނޯރާ ފަތޭހީއަކީ މިހާރު ބޮލީވުޑްގައި ހަރަކާތްތެރިވާ އެންމެ ކުޅަދާނަ ނެށުންތެރިޔާ ކަމަށް ބުނުމަކުން ދޮގަކަށް ނުވާނެ އެވެ. އޭނާގެ ލަވައަކަށް އާއްމުން އަބަދުވެސް އިންތިޒާރު ކުރެ އެވެ.

އެންމެ ފަހުން ނޯރާ މިވަނީ އޭނާގެ ކުރިއަށް އޮތް މަސައްކަތުގެ މައުލޫމާތު އާއްމުންނާ ހިއްސާކޮށްފަ އެވެ. އެގޮތުން އޭނާގެ ކުރިއަށް އޮތް ޕްރޮޖެކްޓަކީ ޕްރޮޑިއުސަރު ކަރަން ޖޯހަރު އާއި ލަވަކިޔުންތެރިޔާ ބާދް ޝާހްއާއެކު މަސައްކަތްކުރާ ޕްރޮޖެކްޓެކެވެ.

ބީބީސީއަށް ދިން އިންޓަވިއުއެއްގައި ނޯރާ ބުނީ އެ ޕްރޮޖެކްޓްގެ އިތުރު މައުލޫމާތު އަދި ހިއްސާ ކުރެވެން ނެތް ކަމަށާއި ވަގުތު ޖެހުމުން އެނގޭނެ ކަމަށެވެ.

އެ ޕްރޮޖެކްޓްގެ މަސައްކަތް ފަށަން މިހާރު އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް ޝޫޓިން ފެށޭނެ ކަމަށް ވެސް ނޯރާ ބުންޏެވެ.

ބޮޑަށް ގަބޫލު ކުރެވޭ ގޮތުގައި ނޯރާގެ އެ ޕްރޮޖެކްޓަކީ ކަރަން ޕްރޮޑިއުސްކޮށް ބާދްޝާހްގެ އަޑުން ކިޔައިދީފައިވާ މިއުޒިކް ވީޑިއޯ އެކެވެ.

ނޯރާ އާއްމުންގެ މަގުބޫލުކަން ހޯދާފައިވަނީ "ދިލްބަރް"، "ކަމަރިޔާ" އަދި "ގަރްމީ"ފަދަ ލަވަތަކުގެ މިއުޒިކް ވީޑިއޯއިންނެވެ. އޭނާގެ ނެށުމަށް ގިނަ ބަޔަކު ތައުރީފް ކުރެ އެވެ.