މިރޭ ޖަރުމަނުގެ ބާލިންގައި ކުޅުމަށް ހަމަޖެހިފައިވާ ޔޫރޯ ފައިނަލް ބަލަން ޕްރިންސް ވިލިއަމް ވަޑައިގަންނަވާނެކަމަށް ކެންސިންގްޓަން ޕެލެސްއިން ބުނެފި އެވެ.

ސްޕެއިން އަދި އިންގްލެންޑް ކުޅުމަަށް ހަމަޖެހިފައިވާ މި ފަައިނަލުގައި ޝާހީ އަމީރުގެ އަރިހުގައި ބޮޑުވަޒީރު ސާ ކީރް ސްޓާމާ ވެސް ވަޑައިގަންނަވާ ގޮތަށް އޮތީ ހަމަޖެހިފަ އެވެ.

ފުޓްބޯލް އެސޯސިއޭޝަން (އެފްއޭ)ގެ ރައީސްގެ މަގާމުގައި ހުންނެވި ޕްރިންސް ވިލިއަމް ވަނީ ކުއާޓާ ފައިނަލުގައި ސްވިޒަލޭންޑް އަތުން އިންގްލެންޑް މޮޅުވި މެޗުގައި ވެސް ބައިވެރިވެވަޑައިގެންފަ އެވެ.

ޕްރިންސް ވިލިއަމް ވަނީ 2022 ވަނަ އަހަރުގެ އަންހެން ޔޫރޯގައި ޖަރުމަނާ ދެކޮޅަށް އިންގްލެންޑް މޮޅުވި މެޗުގައި ބައިވެރިވެވަޑައިގެން ކުޅުންތެރިންނަށް މެޑަލް ހަވާލުކުރައްވާފަ އެވެ.

1966 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު އިންގްލެންޑްގެ ފިރިހެން ޓީމަށް ބޮޑު މުބާރާތެއް ކާމިޔާބު ކުރެވިފައި ނުވާއިރު، މިހާތަނަށް ޔޫރަޕިއަން ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައެއް ނުވެ އެވެ.

އިންގްލެންޑް މޮޅުވެއްޖެ ނަމަ ސަރުކާރު ބަންދު ދުވަހެއް ލިބޭނެތޯ ސުވާލު ކުރުމުން ސާ ކީރް ވިދާޅުވިގޮތުގައި "ޔަގީނުން ވެސް އެ މުނާސަބަތު ފާހަގަކުރަން ޖެހޭ" ކަމަށާއި ނަމަވެސް އެ ގައުމަށް ޗުއްޓީއެއް އަދި ކަށަވަރު ކުރަން ބޭނުން ނުވާ ކަމަށެވެ.