މިދުވަސްވަރު ރައްޔިތުން ތަންކޮޅެއް އާދައިގެ ދިރިއުޅުމަކަށް ތިރިވެ ގަރުދިޔަ އާއި ބަތާ ކައިގެން އުޅުމަށް ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ގޮވާލައްވައިފި އެވެ.

ޕީއެންސީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ އާރިފް ވިދާޅުވީ އަޅުގަނޑުމެން އަބަދު ޓޭކްއަވޭ ހަދައިގެން ކޭ ކެއުން ހުއްޓާލާ، ކޮންމެވެސް ވަރަކަށް ގޭގައި އަމިއްލައަށް ކައްކައިގެން ގަރުދިޔަ އާއި ބަތާ ކައިގެން ތަންކޮޅެއް އާދައިގެ ދިރިއުޅުމަކަށް ތިރިވާން ޖެހޭ ކަމަށެވެ.

އިތުރަށް އޭނާ ވިދާޅުވީ ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށާއި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދަމަހައްޓައި ރައްކާތެރިކުރުމަށްޓަކައި އެކަން ކުރަން ޖެހޭ ކަމަށެވެ.

ޕީއެންސީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ވާހަކަދައްކަވަނީ. ފޮޓޯ: ޕީއެންސީ

މިހާރު ދައުލަތް އޮތް ހާލަތުން އަރައިގަތުމަށް މި ސަރުކާރަށް ވެސް ފައިސާ ޗާޕުކުރެވިދާނެކަ މަށާއި ނަމަވެސް އެއީ ޒިންމާދާރު ވެރިން ކުރާނެކަމެއް ނޫން ކަމަށް އަލީ އާރިފް ވިދާޅުވި އެވެ.

"ބައްޔެއް ވުމުން އެ ބައްޔަށް ޝިފާ އޮތީ ހިތި ބޭހެއް ބޮއެގެން ކަމަށްވާނަމަ އެ ބޭސް ބޯންޖެހޭ،" އަލީ އާރިފް ވިދާޅުވި އެވެ.

ޕީއެންސީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި މިނިސްޓަރުންނާއި މަޖްލިސް މެމްބަރުން އައްތިލަބަޑި ޖައްސަވަނީ. ފޮޓޯ: ޕީއެންސީ

މި ސަރުކާރުގެ ވެރިން ރައްޔިތުން ހިތި ބޭސް ބުއިމަށް ބުނަމުން ދާއިރު، ރައްޔިތުންގެ ޓެކްސް ފައިސާއިން އެތައް މިލިއަން ރުފިޔާއެއް ސިޔާސީ މަގާމުތަކަށް ދަނީ ހަރަދު ކުރަމުންނެވެ. ނަމަވެސް ރައީސް މުހައްމަދު މުއިއްޒު ވަނީ ހަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ.