ބާލިން (15 ޖުލައި) – މި އަހަރުގެ ޔޫރޯގެ އެންމެ ގިނަ ލަނޑުޖަހާ ކުޅުންތެރިޔާއަށް ދޭ ރަންބޫޓު އެވޯޑް ހަ ކުޅުންތެރިންނަށް ލިބިއްޖެ އެވެ.

މީގެ ކުރިން ޔޫރޯ ގަވައިދުން އޮންނަ ގޮތުން ރަންބޫޓު އެވޯޑަށް ދެ ކުޅުންތެރިއެއް ނުވަތަ އެއަށްވުރެ ގިނަ ކުޅުންތެރިން އެއްވަރުވެއްޖެނަމަ، ރަންބޫޓު ލިބޭ ކުޅުންތެރިޔާ ހޮވާނީ އެންމެ ގިނަ އެސިސްޓަށް ބަލައިގެންނެވެ. އެސިސްޓް އެއްވަރުވެއްޖެނަމަ، ދެން ބެލީ އެ ކުޅުންތެރިން ކުޅުނު މިނެޓަށެވެ. އެހެން ނަމަވެސް، މި އަހަރުގެ ޔޫރޯގައި ޔުއޭފާ އިން ނިންމާފައިވަނީ ރަންބޫޓު ލިބޭ ކުޅުންތެރިޔެއް ކަނޑައެޅުމުގައި ހަމައެކަނި ޖަހާ ގޯލަށް ބަލާށެވެ.

އެހެންކަމުން މި އަހަރުގެ ޔޫރޯގައި ތިން ލަނޑު ޖެހި އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން އާއި ސްޕެއިންގެ ޑެލީ އޮލްމޯ އާއި ޖޯޖިއާގެ ޖޯޖްސް މިކައުތަޑްޒޭ އާއި ނެދަލޭންޑްސްގެ ކޯޑީ ގަޕްކޯ އާއި ސްލޮވާކިއާގެ އީވާން ޝްރާންޒް އަދި ޖަރުމަންގެ ޖަމާލް މުސިއާލާއަށް ވަނީ ރަންބޫޓު އެވޯޑް ލިބިފަ އެވެ.

ރަންބޫޓް އެވޯޑް ލިބުމާއެކު، ކޭން އަކީ ޔޫރޯގެ ރަންބޫޓާއި ވޯލްޑް ކަޕްގެ ރަންބޫޓު ހޯދި ތިން ވަނަ ކުޅުންތެރިޔާ އެވެ. ރަޝިއާގައި 2018 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގެ ރަންބޫޓު ކޭން ހޯދި އެވެ.

ޔޫރޯގެ ފައިނަލްގައި ރޭ ސްޕެއިން އާއި އިންގްލެންޑް ބައްދަލުކުރި މެޗުގައި ކޭން އަދި އޮލްމޯއަށް ވެސް ލަނޑެއް ނުޖެހެ އެވެ. އެހެން ނަމަވެސް އެސިސްޓަށް ބެލިނަމަ، ރަންބޫޓު އެވޯޑް ލިބޭނީ އޮލްމޯއަށެވެ.

ޔޫރޯ 2020ގެ ރަންބޫޓު ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލިބުނީ އެސިސްޓް ގިނަވުމުންނެވެ. އެ މުބާރާތުގައި ރޮނާލްޑޯ އަދި ޗެކް ރިޕަބްލިކްގެ ފޯވަޑް ޕެޓްރިކް ޝިކްވެސް ފަސް ލަނޑު ޖެހި އެވެ. އެކަމަކު ރޮނާލްޑޯ އެސިސްޓެއްކޮށްފައިވާތީ، ރަންބޫޓު ލިބުނީ އޭނާއަށެވެ.