ލަންޑަން (ޖުލައި 16) – ޔޫރޯގެ ފައިނަލްގައި ސްޕެއިން އަތުން ބަލިވެ، އިންގްލެންޑަށް ކުރިމަތިވި ނާކާމިޔާބާ ގުޅިގެން އެެ ޓީމުގެ ކޯޗުކަމުގެ މަގާމުން ގެރެތު ސައުތުގޭޓް މިއަދު ވަކިވެއްޖެ އެވެ.

ޖަރުމަންގެ ބާލިންގައި އާދިއްތަ ދުވަހުގެ ރޭ ކުޅުނު ފައިނަލްގައި ސްޕެއިން އަތުން އިންގްލެންޑް ބަލިވީ 2-1 އިންނެވެ. މިއީ އިންގްލެންޑް ޔޫރޯގެ ފައިނަލްގައި ޖެހިޖެހިގެން ބަލިވި ދެވަނަ ފަހަރެވެ.

ސައުުތުގޭޓް ،53، އިންގްލެންޑްގެ ކޯޗުކަމުގައި އަށް އަހަރު ހޭދަކޮށް، ޖުމްލަ 102 މެޗުގައި އެ ޓީމަށް އިރުޝާދު ދިނެވެ.

ސައުތުގޭޓް އިންގްލެންޑްގެ ކޯޗުކަމުން ވަކިވިއިރު، މި އަހަރުގެ ނިޔަލަށް ކޮންޓްރެކްޓެއް އޮތެވެ. އެކަމަކު ޔޫރޯގެ ތަށި ނުލިބިއްޖެ ނަމަ، މަގާމުން އިސްތިއުފާ ދޭނެ ކަމަށް އޭނާ ވަނީ ކުރިން ވެސް ބުނެފަ އެވެ.

ސައުތުގޭޓް ވަނީ ބައިނަލްއަޤްވާމީ ހަތަރު މުބާރާތުގައި އިންގްލެންޑަށް އިރުޝާދު ދީފަ އެވެ. އެއީ 2018 އާއި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2020 އަދި 2024 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތެވެ.

ސައުތުގޭޓްގެ އިރުޝާދުގެ ދަށުން އިންގްލެންޑް 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލާއި 2020ގެ ޔޫރޯގެ ފައިނަލަށް ދަތުރުކުރި އެވެ.