މާލޭގައި ކުއްޔަށް އުޅުނު ދިވެހި އާއިލާއަށް މި މަހު ދިހައެއްގެ ކުރިން މިދިޔަ މަހުގެ ކުއްޔަށްވާ ފައިސާ ދެއްކިފައި ނުވާތީވެ ގޭގެ ވެރިފަރާތުން އެ އާއިލާ އުޅޭ އެޕާޓްމަންޓަށް ގެއްލުންދީ ބިރުދައްކައިފި އެވެ.
މިކަމާ ގުޅޭ ވީޑިއޯއެއް އެކްސްގައި އަންނަނީ ދައުރުވަމުންނެވެ. އެކްސްގައި މީހަކު ބުނެފައިވާގޮތުގައި އެ އާއިލާއަށް ބިރުދައްކައި ދިރިއުޅޭ ތަނަށް ގެއްލުންދިނީ ކުރިން އެންގުމަކާ ނުލައި ކުއްލިގޮތަކަށް އެގެއަށް ގޭގެ ވެރިފަރާތުން ގޮހެވެ.
އެކްސްގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި އެ އާއިލާ ދިރިއުޅޭ ގޭގެ ދޮރު ވަނީ ހަވާލުކޮށްލާފަ އެވެ. އަދި ބިރުން އެގޭގައި ދިރިއުޅޭ އަންހެނަކު ރޯ އަޑު ވެސް އެ ވީޑިއޯއިން އިވެ އެވެ.
ވީޑިއޯއިން އެނގޭގޮތުގައި އެ އާއިލާ ދިރިއުޅެނީ ވަރަށް އާދައިގެ ކުޑަކުޑަ ކޮޓަރިއެއްގަ އެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން ވެސް އަދި ދައުލަތުގެ ކަމާ ގުޅޭ އެއްވެސް އިދާރާއަކުން އެއްޗެއް ބުނެފައެއް ނުވެ އެވެ.
މަހުގެ 10 ގެ ކުރިން ކުލި ނުދެއްކި ކަމަށް ބުނެ ބިރުދައްކައި ގެއްލުންދީފައިވާއިރު، ޕްރައިވެޓް ސެކްޓާގައި ވަޒީފާ އަދާކުރާ މީހުންނަށް އާންމުކޮށް މުސާރަ ލިބެނީ ކޮންމެ މަހެއްގެ ވެސް 10 ވަނަ ދުވަހު އެވެ.