އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓަޑާއި ޗެލްސީ ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު، މެޗަށް ފަހު ޔުނައިޓަޑްގެ ކޯޗު އޮލޭ ގަނާ ސޮލްސަޔާ ވަނީ މެޗުގެ ރެފްރީއާމެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީގެ ކޭލަމް ހަޑްސަން އޮޑޯއީ އެ ޓީމުގެ ޕެނަލްޓީ އޭރިޔާ ތެރެއިން ބޯޅައިގައި އަތްލި ކަަމަށް ބުނެ، ޔުނައިޓަޑުން ޕެނަލްޓީއަކަށް އެޕީލްކުރި އެވެ. ޕިޗްސައިޑް މޯނިޓަރުން އެ މަންޒަރު ބެލުމަށް ފަހު، ރެފްރީ ސްޓުއާޓް އެޓްވެލް ނިންމީ އެއީ ޕެނަލްޓީއެއް ނޫން ކަމަށެވެ.

މެޗަށް ފަހު ސޮލްސަޔާ ބުނީ "ބޭރުން އިވޭ ވާހަކަތަކަށް" ރެފްރީން މާބޮޑަށް ސަމާލުކަން ދެނީ ކަމަށެވެ.

"އެއީ ޕެެނަލްޓީޢެއް. އަހަރެން ކޮންމެ ވެސް ވަރަކަށް ކަންބޮޑުވޭ އެބަ. އެއީ ޔުނައިޓެޑަށް މާ ގިނައިން ޕެނަލްޓީ ލިބޭކަމަށް ދެކެވޭ ވާހަކަަތަކާ ގުޅިގެން،" ސޮލްސަޔާ ބުންޏެވެ.

މިދިޔަ ސީޒަން އިން ފެށިގެން، ޔުނައިޓަޑަށް ވަނީ ޕްރިމިއާ ލީގުގައި 22 ޕެނަލްޓީ ލިބިފަ އެވެ. ޔުނައިޓަޑަށް ވަރަށް ގިނައިން ޕެނަލްޓީ ލިބޭކަން ޗެލްސީގެ ކުރީގެ ކޯޗު ފްރޭންކް ލަމްޕާޑް އަދި ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ވެސް ވަނީ ފާހަގަކޮށްފަ އެވެ.

"ބައެއް ފަހަރު ކޯޗުން މަސައްކަތްކުރޭ ރެފްރީންނަށް ނުފޫޒުފޯރުވަން. އެކަމަކު އަހަރެން ގަބޫލްކުރާ ގޮތުގައި ދަނޑު ބޭރުން އިވޭ ވާހަކަތަކަށް ރެފްރީން މާބޮޑަށް ސަމާލުކަން ދީގެންނުވާނެ،" ސޮލްސަޔާ ބުންޏެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މެޗު އެއްވަރުވުމާއެކު، ޔުނައިޓަަޑް ތާވަލްގެ ދެވަނައިގައި އޮތީ 50 ޕޮއިންޓާއެކު އެވެ. ޗެލްސީ އޮތީ 44 ޕޮއިންޓާއެކު ތާވަލްގެ ފަސް ވަނައިގަ އެވެ. – ބީބީސީ