މިއަހަރު އޮލިމްޕިކްސް ގޭމްސް ފްރާންސްގެ ވެރިރަށް ޕެރިހުގައި ފަށައިގެން ކުރިއަށްދާއިރު އެ މުބާރާތުގައި މިހާރު ވެސް ވަނީ އެކި ކުޅިވަރުތަކުން ކުޅުންތެރިންނަށް މެޑަލް ހަވާލުކޮށްފަ އެވެ.

ބައިނަލްއަގުވާމީ އެންމެ ބޮޑު އެއް ކުޅިވަރު މުބާރާތް ކަމަށްވާ އޮލިމްޕިކްސްގެ އެކި ކުޅިވަރުތަކުން ވަނަ ވަނައަށް އަންނަ ކުޅުންތެރިންނަށް ލިބޭ މެޑަލްއާއި އޮލިމްޕިކްސް މެސްކޮޓްގެ ސޮފްޓް ޓޯއީގެ އިތުރުން އެ ކުޅުންތެރިންނަށް ފައިސާގެ އިނާމު ވެސް ލިބެ އެވެ.

އޮލިމްޕިކްސްގެ ކުޅިވަރުތަކުން މެޑަލް ހޯދާ ކުޅުންތެރިންނަށް މުބާރާތް އިންތިޒާމުކުރާ އިންޓަނޭޝަނަލް އޮލިމްޕިކް ކޮމެޓީއިން ފައިސާގެ އެހީއެއް ނުދިން ނަމަވެސް ވަކިވަކި ގައުމުތަކުން އެގައުމުތަކަށް ޝަރަފާއި ފަޚުރު ހޯދައިދޭ ކުޅުންތެރިންނަށް ފައިސާގެ ބޮޑު އިނާމެއް ހުށައަޅަ އެވެ.

އޮލިމްޕިކްސް ގޭމްސްގެ މެޑަލިސްޓުންނަށް ފައިސާގެ އިނާމުދޭ ބައެއް ގައުމުތަކާއި އިނާމުގެ ތަފްސީލު

އެގޮތުން އޮލިމްޕިކްސް މެޑަލިސްޓުންނަށް ފައިސާގެ އިނާމު ދޭ ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ހޮންގްކޮންގް އެވެ. އެގައުމަށް ލިބޭ ކޮންމެ ރަން މެޑެލްއަކަށް 768،000 އެމެރިކާ ޑޮލަރު ދޭއިރު ރިހި މެޑަލްއަކަށް 384،000 ޑޮލަރު އަދި ބްރޮންޒް މެޑަލްއަކަށް 192،000 ޑޮލަރު ދެ އެވެ.

މީގެ އިތުރުން ވެސް އޮލިމްޕިކްސްގައި ވަނަ ހޯދާ ކުޅުންތެރިންނަށް ހަ އަދަދުގެ ފައިސާގެ އިނާމު ހުށައަޅާފައިވާ ގައުމުތަކުގެ ތެރޭގައި ސިންގަޕޫރު، އިންޑޮނޭޝިއާ އަދި އިޒްރޭލު ހިމެނެ އެވެ.

ބޮޑެތި އަދަދުތަކުން ހުށައެޅޭ ފައިސާގެ އިނާމުތަކުގެ އިތުރުން ބައެއް ގައުުމުތަކުގެ ސަރުކާރުންނާއި އަމިއްލަ ކުންފުނިތަކުން ވެސް އެގައުމަށް މެޑަލް ގެނެސްދޭ ކުޅުންތެރިންނަށް އެޕާޓްމަންޓްތަކާއި އަގުބޮޑު ކާރުތައް ވެސް ހުށައަޅަ އެވެ.