އިންސާނެއްގެ ކާމިޔާބީއާއި ނާކާމިޔާބީ ގުޅިފައިވަނީ ޒަމާނާއެވެ. އެ މީހަކަށް ލިބިފައިވާ ވަގުތާއެވެ. އެންމެ މިނިޓެއް ހާއިރުގެ ތެރޭގައި އެ މީހަކު ކުރާ ކަމަކުން ވެސް، އެ ކަމުގެ ފައިދާ ނުވަތަ ގެއްލުން ޒަމާން ފާއިތުވެގެންދާ ވަރަކަށް އެ މީހަކަށް ފެންނަމުން ހިނގައިދާނެއެވެ. އެ މީހަކަށް މާތް الله ދެއްވައިފައި މި ވާ އަގުހުރި ރައުސްމާލަށް އެ މީހަކު ފަރުވާކުޑަކޮށް ބޭކާރުކޮށްލައިފި ނަމަ، އެ މީހަކީ ދެ ދުނިޔޭގެ އަބާއްޖަވެރިޔަކަށް ވެސް ވެގެން ހިނގައިދާނެއެވެ. ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފާންޖެހެނީ މި ސަބަބާ ހުރެއެވެ. މުއުމިނަކަށް މުސްލިމަކަށް ވަގުތާ މެދު ފަރުވާކުޑަކޮށް ވަގުތު ބޭކާރުކުރުމަކީ އެކަށީގެންވާ ސިފައެއް ނޫނެވެ.

މާތް الله ކީރިތި ޤުރްއާނުގައި ޒަމާން ގަންދެއްވައި ބަސްފުޅު ވަޙީކުރައްވައިފައިވެއެވެ.

وَالْعَصْرِ ‎﴿١﴾‏ إِنَّ الْإِنسَانَ لَفِي خُسْرٍ ‎﴿٢﴾‏ إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ ‎﴿٣﴾‏ [سورة العصر ]

މާނައީ: "ޒަމާން ގަންދެއްވަމެވެ. (1) ހަމަކަށަވަރުން، އިންސާނާ ވަނީ، ގެއްލުމެއްގައިކަން ކަށަވަރެވެ. (2) އީމާންވެ ޞާލިޙު ޢަމަލުތައްކޮށް، އަދި އެކަކު އަނެކަކަށް ޙައްޤަށް ވަޞިއްޔަތްކޮށް، އަދި އެކަކު އަނެކަކަށް ކެތްތެރިވުމަށް ވަޞިއްޔަތްކޮށްއުޅުނު މީހުން މެނުވީއެވެ. (3)"

އެހެން ނަމަވެސް، މިއަދު އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކީ ވަގުތާ މެދު އެއްވެސް ސަމާލުކަމެއް ދޭ ބައެއް ނޫނެވެ. ވަގުތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފާ ބައެއް ނޫނެވެ. ބޭކާރު ކަންކަމުގައި އެބައިމީހުންގެ އަގުހުރި ވަގުތުތައް ބޭކާރުކުރާ ބައެކެވެ.

އެހެންކަމުން، މި ލިޔުމުގައި އަޅުގަނޑުމެންގެ ވަގުތުތައް ބޭކާރުވެގެންދާ ބައެއް ސަބަބުތަކާއި އެ ކަމުން ސަލާމަތްވުމަށް އެޅިދާނެ ބައެއް ފިޔަވަޅުތަކަށް ބަލައިލާނަމެވެ.

1- އެންމެ މުހިންމު ކަންތަކަށް އިސްކަންދީ:

މުސްލިމުންނަށްވީތީ އަޅުގަނޑުމެން އެންމެ އިސްކަމެއް ދޭންޖެހޭނީ މާތް الله ގެ ރުއްސެވުމާއި ފުއްސެވުން ލިބިގަތުމަށެވެ. އެ އިލާހުގެ ރުއްސެވުމާއި ފުއްސެވުން އަޅުގަނޑުމެންނަށް މިންވަރުވާނީ އެ އިލާހުގެ ދީނުގައި ބާރަށް ހިފައިގެންނެވެ. ދީނީ ކަންކަމަށް އިސްކަންދީގެންނެވެ. ދީނީ އަޅުކަމަށް އިސްކަންދީގެންނެވެ. ރޫޙާނިއްޔަތަށް އިސްކަން ދީގެންނެވެ. ނަމާދާއި، ޒަކާތާއި، ރޯދައާއި، ޙައްޖަށް އިސްކަންދީގެންނެވެ. މައިންބަފައިންނަށް ކިޔަމަންތެރިވުމާއި އެބައިމީހުންނަށް އޯގާތެރިވުމަށް އިސްކަންދީގެންނެވެ. އަނބިދަރީންނަށް ދޭންޖެހޭ އަޅައިލުމާއި ލޯތްބާއި ކުލުނާއި އޯގާތެރިވުމަށް އިސްކަންދީގެންނެވެ. އަމިއްލަ ނަފްސަށް ވުރެ ތިމާގެ އަޚުންނާއި އުޚްތުންނަށް އިސްކަންދީގެންނެވެ.

އަޅުގަނޑުމެން ޙަޔާތުގެ މައިދާނުގައި އުޅެމުންދާއިރު އެންމެ އިސްކަމަކާއި އަހަންމިއްޔަތުކަމެއް ދޭންޖެހޭ ކަމަކީ ފަރުޟު ފަސް ނަމާދެވެ. ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ވަނީ ނަމާދަށް ފަރުވާތެރިވުމުގައެވެ. އެހެންކަމުން، އަބަދުވެސް އަޅުގަނޑުމެންގެ ތާވަލުގެ އެންމެ ކުރިޔަށް އަންނާންޖެހެނީ ނަމާދެވެ. އެހެން ކަމެއް އަންނާންވާނީ އެއަށް ފަހުގައެވެ.

ހަމަ އެހެންމެ، ވަޒީފާގެ މައިދާނުގައި އުޅޭ އިރު ވެސް އެންމެ މުހިންމު ކަންތައްތަކަކީ ކޮބައިތޯ ބަލައި އެ ކަންކަމަށް އިސްކަންދޭށެވެ. އަބަދުވެސް ވިސްނާންޖެހޭނީ، އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ނިންމާންޖެހޭ އެންމެ މުހިންމު ކަންތަކާ މެދުގައެވެ. އެއަށް ފަހު، ދެން އެންމެ މުހިންމުކަންތަކަކީ ކޮބައިތޯ ބަލައި އެ ކަންކަމަށެވެ. އަބަދުވެސް ދުވަހުން ދުވަހަށް ނިންމާންޖެހޭ މުހިންމު މަސައްކަތްތައް ނިންމައިލެވޭތޯ ބަލާށެވެ.

އާދައިގެ ކަންކަމާ އުޅެން ހަދައިގެން ކުރަން ހުންނަ މުހިންމު ކަންތައްތައް އަތުން ދޫވެގެން ދިއުމަކީ އެންމެ ގިނައިން ދިމާވާ ކަންތަކެވެ. މި ކަން ތަކުރާރުވާކަމުގައި ވަނީ ނަމަ މިއީ ތިބާގެ އުފެއްދުންތެރިކަން ނެތިކޮށްލާ ފަދަ ކަމެކެވެ.

2- ބޭކާރުގޮތުގައި ފޯނު ބޭނުންކުރުން:

މިއަދު ފޯނު ވެފައި މި ވަނީ އަޅުގަނޑުމެންގެ އަތުގައި ތަތްކުރާ ތެރަހުން ތަތްކޮށްފައިވާ އެއްޗެއް ފަދައިންނެވެ. ފޯނަކީ އެއްވެސް ޙާލެއްގައި އަޅުގަނޑުމެން އަތުން ވަކިވާ އެއްޗަކަށް ނުވެއެވެ. ފާޚާނާއަށް ވެސް ގިނަ މީހުންނަށް ވަދެވެނީ ފޯނާ އެކުއެވެ.

ހިތާމައަކީ، މިހާ ވަރަށް ފޯނަށް ދެވިހިފައިވާ އަޅުގަނޑުމެން ވާ އިރު، ފޯނުގެ ބޭނުންހިފަނީ ވަގުތު ބޭކާރުކުރާން ކަމަށް ވާތީއެވެ. ފައިދާހުރި ކަމެއް އެއިން ކުރަނީ މަދު ފަހަރަކު ކަމުގައިވާތީއެވެ. މީސްމީޑިއާގެ އެކިއެކި މަންސަތަކުގައި ބޭކާރުގޮތުގައި ބޭކާރު ވަގުތު ހޭދަކުރުން ނޫން ކަމެއް ގިނަ ބަޔަކު ނުކުރެއެވެ. ސަފުހާތައް ސްކްރޯލުކުރުމާއި، ފައިދާއެއް ނެތް ވީޑިއޯތައް އެއްވެސް މާނައެއް ނެތްގޮތުގައި ބެލުމާއި، ބޭކާރުގޮތުގައި ޗެޓުކުރުމާއި މިހިރަމިހިރަ އެތައް ކަމެއް ކުރުން ނޫން ކަމެއް ގިނަ ބަޔަކު ފޯނަކުން ނުކުރެއެވެ.

ފޯނަކީ ވެސް މިޔަ ތޫނު ވަޅިއެއް ފަދަ އެއްޗެކެވެ. އޭގެ ބޭނުން އެންމެ ހެޔޮގޮތުގައި ވެސް ހިފިދާނޭ އެއްޗެކެވެ. މީގެ ތަންކޮޅެއް ކުރީން ފޯނަކީ ހަމައެކަނި ފޯނުކޮށްލާން އޮންނަ އެއްޗަކަށް ވިޔަސް، މިހާރުގެ ފޯނަކީ އެއަށްވުރެ ތަރައްޤީވެފައިވާ އެއްޗެކެވެ. މިހާރު މި ގެންގުޅޭ ސްމާޓްފޯނަކީ ކޮމްޕިޔުޓަރު ސިސްޓަމެކެވެ. އެއިން އެ މީހެއްގެ ތަޢުލީމާއި ނަފްސު ތަރައްޤީކުރާން ކުރެވިދާނޭ ވަރަށް ގިނަ ކަންކަމުގައި ބޭނުން ކުރެވިދާނެއެވެ. އަޅުގަނޑުމެން ވާންވީ އަޅުގަނޑުމެން އަތުގައި އޮންނަ ފޯނުގެ ބޭނުން އޭގެ އެންމެ ހެޔޮގޮތުގައި ހިފާ ބަޔަކަށެވެ. އެއިން އަޅުގަނޑުމެންގެ ދުނިޔެއާއި އާޚިރަތަށް ފައިދާހުރި ކަމެއް ކުރާ ބަޔަކަށެވެ.

3- ފައިދާއެއް ނެތް ގޮތުގައި އެކުވެރިންނާ އެކު ހޭދަކުރާ ވަގުތުތައް:

ގާތްތިމާގެ މީހުންނާއި އެކުވެރިންނަކީ އަޅުގަނޑުމެންގެ ޙަޔާތުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ބައެކެވެ. އެބައިމީހުންނާ އެކު ވަގުތު ހޭދަކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެބައިމީހުންގެ ހާލުއަހުވާލު ބަލައިއުޅުމަކީ ކޮންމެހެން ކުރާންޖެހޭ ވެސް ކަމެކެވެ. އެބައިމީހުންގެ ގޭގެއަށް ޒިޔާރަތްކުރުމަކީ ވެސް އަޅުގަނޑުމެންގެ މައްޗަށް އަޅުގަނޑުމެންގެ ދީން ވެސް ބާރުއަޅުއްވާ ކަމެކެވެ.

އެހެން ނަމަވެސް، އެއީ މާނައެއް ނެތް ކަމަކަށް ހަދައިގެން ނުވާނެއެވެ. އަދި ހައްދެއް ނެތް ގޮތުގައި، އަޅުގަނޑުމެންގެ ވަގުތުތައް ބޭކާރުވާ ގޮތަށް ކުރެވޭ ކަމަކަށް ހަދައިގެން ނުވާނެއެވެ. އެ ކަންކަމަކީ ވެސް ރާވައިގެން ހެޔޮގޮތުގައި ކުރެވޭ ކަންކަމަށް ވާންޖެހޭނެއެވެ.

މައްސަލައަކަށްވާ ހިސާބަކީ، ތިބާގެ އޮފީސް ދުވަސްތަކުގައި ނުވަތަ ކިޔަވާ ދަރިވަރެއް ނަމަ، ކިޔެވުން އޮންނަ ދުވަސްތަކުގައި ރައްޓެހިންނާ އެކު ގިނަ ވަގުތުތަކެއް ހޭދަކުރުމެވެ. މި ކަމުގެ ސަބަބުން ދުވަހުން ދުވަހަށް ނިންމަންޖެހޭ އޮފީހުގެ މަސައްކަތްތައް އޮންނާނީ ނުނިމިއެވެ. އޮފީސް ގަޑިއަކީ އެކުވެރީންނާ އެކު ކޮފީއަށް އަރައި އަނގަތަޅާން އޮންނަ ވަގުތަކަށް ހަދައިފި ނަމަ، އޮފީހުގެ މަސައްކަތަށް އެ ވެވެނީ ޚިޔާނާތެވެ. މިއީ ދީނީގޮތުން ވެސް ހުއްދަވާނޭ ކަމެއް ނޫނެވެ. މީގެ އިތުރުން، އެ ކަމުގެ ސަބަބުން ތިބާގެ އުފެއްދުންތެރިކަމަށް އެތަކެއް ނުޤްޞާނެއް ކުރިމަތިވާ ކަމަކަށް ނޫނީ މި ކަން ވެގެނެއް ނުދެއެވެ. ދަރިވަރެއް ނަމަ، ދުވަހުން ދުވަހަށް ނިންމާންޖެހޭ ފިލާވަޅު ނިންމަން ވަގުތު ނުދެވޭނެއެވެ. މި ގޮތަށް ބޭކާރުވެގެންދާ ވަގުތަކީ، ތިބާގެ ވަޒީފާގެ ކުރިއެރުމާއި އުފެއްދުންތެރިކަމަށް އަންނަ ލޮޅުމަކަށް ނޫނީ ނުވާނެއެވެ. އަދި ދަރިވަރެއް ނަމަ، މިއީ އޭނަގެ ތަޢުލީމީ ޙަޔާތަށް އެޅިގެންދާ ކަޅުވިލާތަކަކަށް ނޫނީ ނުވާނެއެވެ.

ހުސް ވަގުތާއި ޞިއްޙަތަކީ މާތް الله އަޅާއަށް ދެއްވައިފައިވާ ނިޢުމަތްތަކުގެ ތެރެއިން އެ ދެ ނިޢުމަތަކާ މެދު އެންމެ ބޮޑަށް އަޅާ ޣާފިލުވެފައިވާ ނިޢުމަތްކަމަށް ނަބިއްޔާ ޞައްލަ الله ޢަލައިހި ވަސައްލަމް ވަނީ ބަޔާންކުރައްވައިފައެވެ. ހުސް ވަގުތަކީ ވެސް ކޮންމެ ވެސް ފައިދާހުރި ކަމެއްގައި ހޭދަކުރާ ވަގުތެއްކަމަށް ހެދުމަކީ އަޅުގަނޑުމެން ކޮންމެހެން މަސައްކަތް ކުރާންޖެހޭ ކަމެކެވެ.

ޤިޔާމަތްދުވަހުން، ހަތަރު ސުވާލަކަށް ޖަވާބު ދީފުމަށްދާންދެން އަޅާގެ ފައި ހުރިތަނުން ގުޑުވައި ވެސް ނުލެވޭނެކަމަށް ނަބިއްޔާ ޞައްލަ الله ޢަލައިހި ވަސައްލަމް ބަޔާންކުރައްވައިފައިވެއެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ކަންތަކާއި ދެވަނަ ކަމެއްގެ ގޮތުގައި ބަޔާންކުރެއްވީ، މީހާގެ އުމުރާއި ޒުވާން ދުވަސްވަރެވެ. އެ ވަގުތުތައް ހޭދަކުރި ގޮތާ ބެހޭގޮތުން ސުވާލުކުރެއްވޭނެއެވެ. އެ ސުވާލުތަކަށް ޖަވާބު ދީފުމަށް ދާންދެން އެ މީހަކަށް ހުރިތަނުން ގުޑައި ވެސް ނުލެވޭނެއެވެ. މި އިން އެނގެނީ، ވަގުތާ މެދު އަޅުގަނޑުމެން ފަރުވާތެރިވާންވީ މިންވަރެވެ. އަޅުގަނޑުމެންގެ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ގުޅިފައިވަނީ ވަގުތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފައިގެން ކަމެވެ.

ދުޢާއަކީ މާތް الله އަޅުގަނޑުމެންގެ ވަގުތުގައި ބަރަކާތްލައްވައި، ދުނިޔެއާއި އާޚިރަތަށް ފައިދާހުރި ކަންކަމުގައި ވަގުތު ހޭދަކުރާ ބަޔަކު ކަމުގައި އަޅުގަނޑުމެން ލެއްވުމެވެ.