އެފްސީ ބާސެލޯނާ އިންތިހާބު ބޯމަތިވެފައިވަނިކޮށް، އެ ކްލަބުގެ މައި އޮފީހަށް ސްޕެއިން ފުލުހުން ރެއިޑްކޮށް، އިސް އޮފިޝަލުންތަކެއް ހައްޔަރުކޮށްފި އެވެ.

ބާސާގެ އޮފީހަށް ރެއިޑްކުރިކަން ސްޕެއިިންގެ ފުލުހުން ކަށަވަރުކޮށްދިން ނަމަވެސް، ހައްޔަރުކޮށްފައިވާ އެއްވެސް ފަރާތެއް ނަމެއް ހާމައެއް ނުކުރެ އެވެ. އެކަމަކު ސްޕެއިންގެ މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ބާސާގެ ކުރީގެ ރައީސް ޔޯސެޕް މާރިއާ ބާޓޮމެއޫ އާއި ކްލަބުގެ ސީ.އީ.އޯ އޮސްކާ ގްރާއޫ އަދި ލީގަޑް ޑިޕާޓްމަންޓްގެ އިސްވެރިޔާ ހިމެނޭ އެވެ.

ސްޕެއިންގެ ފުލުހުން ބުނީ ބާސާގެ މައި އޮފީހަށް ރެއިޑްކުރުމުގެ އޮޕަރޭޝަން ކުރިއަށް ގެންދަނީ ފައިނޭންޝަން ކްރައިމްސް ޔުނިޓުން ކަމަށެވެ. އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

ސްޕެއިންގެ މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި މި އޮޕަރޭޝަނަކީ މިދިޔަ އަހަރު ފެންމަތިތި "ބާސާގޭޓް" ސޯޝަލް މީޑިއާ މައްސަލައާ ގުޅޭ އޮޕަރޭޝަނެކެވެ. މިދިޔަ އަހަރު ފެންމަތިވި "ބާސާ-ގޭޓް" މައްސަލައިން އެނގުނު ގޮތުގައި ބާސާގެ މެނޭޖްމަންޓާއި އޭރުގެ ރައީސް ބާޓޮމެއޫއާ ފާޑުކިއަމުންދިޔަ ކުޅުންތެރިންނާއި ކުރީގެ ކުޅުންތެރިންގެ އަގު ވައްޓާލާއި އެމީހުންގެ ވާހަކަތައް ދޮގުކުރުމަށް، ބާސާގެ އޭރު އޮތް މެނޭޖްމަންޓުން ވަނީ ސޯޝަލް މީޑިއާ ކުންފުންޏަކާ ހަވާލުކޮށްފަ އެވެ.

ބާޓޮމެއޫ އަދި އޭރު އޮތް ޑިރެކްޓަރުންގެ ބޯޑު ވަނީ މިދިޔަ އަހަރު އިސްތިއުފާ ދީފަ އެވެ. ބާޓޮމެއޫ އިސްތިއުފާ ދިނީ ބާސާގެ ކެޕްޓަން ލިއޮނެލް މެސީއާ ދެމެދު އުފެދުނު މައްސަަލައަކާ ގުޅިގެނެވެ. – އޭއެފްޕީ