އިނގިރޭސި ޝާހީ އާއިލާއަށް ނިސްބަތްވާ ޕްރިންސް ހެރީ އާއި އަންހެނުން މޭގަން މާކަލްގެ އިތުރުން އެ ދެމަފިރިންގެ ދަރިންނަކީ ހަބަރުތަކުން އަބަދުވެސް ޖާގަ ހޯދާ އާއިލާއެކެވެ. އެގޮތުން 2021 ވަނަ އަހަރު އޮޕްރާ ވިންފްރޭ ޝޯގައި އެ ދެމީހުން ދިން އިންޓަވިއުއަކީ މުޅި ދުނިޔޭގެ ވެސް ސަމާލުކަމަށް އައި އިންޓަވިއުއެކެވެ.

އެ އިންޓަވިއުގައި ޝާހީ އާއިލާއާ ބެހޭގޮތުން މީގެ ކުރިން ހާމަވެފައިނުވާ ސިއްރުތައް ފާޅުވިއިރު އޭގެ ސަބަބުން ޕްރިންސް ހެރީއާއި ޝާހީ އާއިލާގެ އެހެން މެމްބަރުންނާ އޮތް ގުޅުން އިތުރަށް ހީނަރުވެގެން ދިޔަ އެވެ.

އެ އިންޓަވިއުއަށް ތިން އަހަރު ފަހުން ޕްރިންސް ހެރީއާއި މޭގަން މިވަނީ ފުރަތަމަ ފަހަރަށް ރަސްމީކޮށް މީޑިއާއަކަށް އިންޓަވިއުއެއް ދީފަ އެވެ.

ސީބީއެސްގެ "މޯނިން ޝޯ"އަށް ދިން އެ އިންޓަވިއުގައި އެ ދެމަފިރިން މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދަރިން ތަރުބިއްޔަތު ކުރުމާއި އޮންލައިން ވެބްސައިޓްތަކުގެ ސަބަބުން ކުޑަކދިންނަށް ލިބޭ ގެއްލުންތަކުގެ ވާހަކަ އެވެ.

ދަރިން ތަރުބިއްޔަތު ކުރުމުގައި އޭރާއި މިހާރުގެ ހާލަތު ވަރަށް ތަފާތުކަން ފާހަގަ ކުރަމުން ހެރީ ބުނީ އޮންލައިން ޓެކްނޮލޮޖީގެ ނުރައްކަލަށް ހަމަ ކޮންމެ ކުއްޖަކު ވެސް ހުށައެޅިފައިވާ ކަމަށެވެ.

އެހެން ކަމުން ނުރަނގަޅު ކަންކަމުން ދަރިން ސަލާމަތް ކުރަން މައިންބަަފައިން އިތުރަށް ސަމާލުވާން ޖެހިފައިވާ ކަމަށް ވެސް ހެރީ ބުނެފައިވެ އެވެ.

މީގެ އިތުރުން ޒަމާނާއި ޓެކްނޮލޮޖީއާއެކު ދަރިންގެ ނަފްސާނީ ސިއްހަތަށް ވެސް ވަރަށް ފަރުވާތެރިވާން ޖެހޭނެ ކަމަށް މޭގަން ބުންޏެވެ.

ޝާހީ އާއިލާގެ އިސް މެމްބަރުންގެ ގޮތުގައި އޮތް ލަގަބު ދޫކޮށްލުމަށްފަހު 2020 ވަނަ އަހަރު އެމެރިކާއަށް ދިރިއުޅުން ބަދަލު ކުރެއްވި ހެރީއާއި މޭގަންގެ ދެ ކުދިން ތިބެ އެވެ. އެއީ އާޗީއާއި ލިލިބެޓް އެވެ.