ކައއުންސިލްތަކުން ހުސްވާ ގޮނޑިތަކަށް މެންބަރުން އިންތިހާބުކުރުމަށް ބާއްވާ ބައި- އިލެކްޝަންތައް އަހަރަކު ދެ ފަހަރު ބާއްވާގޮތަށް ގާނުނޫތަކަށް ހުށަހެޅި އިސްލާހުތައް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ގާނޫނުގައި މިހާރު އޮންނަ ގޮތުން ކައުންސިލް ނުވަތަ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑިއެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި ބައި އިލެކްޝަން ބާއްވަން ޖެހެ އެވެ.

ލޯކަލް ކައުންސިލުތަކުގެ އިންތިހާބުގެ ގާނޫނު އިސްލާހުކޮށް ކައުންސިލުތަކުން ހުސްވާ ގޮނޑީގެ ބައި- އިލެކްޝަން ބޭއްވުމަށް މިހާރު ކަނޑައަޅާފައިވާ މުއްދަތު ބަދަލުކުރުމަށް ހުށަހަޅާފައިވަނީ ސަރުކާރުންނެވެ. އެގޮތުން ސަރުކާރުން ވަނީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނާއި ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނަށް އިސްލާހެއް ހުށަހަޅާފަ އެވެ.

މި ދެ ގާނޫނު އިސްލާހު ކުރަން މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވޯޓު ދެއްވީ 67 މެންބަރުންނެވެ. އެ އިސްލާހުތައް ފާސްކުރަން ނުފެންނަ ކަމަށް ހަތް މެންބަރުން ވޯޓު ދެއްވި އެވެ.

މި އިސްލާހުތަކާއެކު ބައި އިލެކްޝަން ބާއްވަން ޖެހޭނީ 183 ދުވަހުގެ މުއްދަތެއްގެ ތެރޭގަ އެވެ. ނަމަވެސް ކައުންސިލެއްގެ ރައީސް ނުވަތަ މޭޔަރުގެ މަގާމު ހުސްވެއްޖެ ނަމަ އެ މަގާމު ހުސްވާތާ ގިނަވެގެން 14 ދުވަހުގެ ތެރޭގައި އެ މަގާމަށް މެންބަރަކު އިންތިހާބު ކުރަން ޖެހޭނެ އެވެ.

ކައުންސިލްގެ ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރުގެ މަގާމު ހުސްވެއްޖެ ނަމަ 30 ދުވަސް ތެރޭގައި މެންބަރަކު އިންތިހާބު ކުރަން ޖެހޭނެ އެވެ.

ނަމަވެސް ނައިބު ނުވަތަ ޑެޕިއުޓީ މޭޔަރުގެ މަގާމު ހުސްވާއިރު، ރައީސް ނުވަތަ މޭޔަރުގެ މަގާމު ވެސް ހުސްވެފައިވާ ނަމަ ހަތް ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހޭނެ ކަމަށް އެ އިސްލާހުގައި ވެ އެވެ.

މެންބަރެއްގެ ގޮނޑި ހުސްވުމުގެ ސަބަބުން ޖަލްސާ ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަ ނުވާ ނަމަ މިހާރު ވެސް ގާނޫނުގައި އޮންނަ ގޮތަށް 60 ދުވަހުގެ ތެރޭގައި ބައި އިލެކްޝަން ބާއްވަން ޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައި ވެ އެވެ.

މިއިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށް ބުނެފައިވަނީ ކައުންސިލްތަކުގެ މެންބަރުންގެ ގޮނޑި ހުސްވާ ހާލަތްތައް އިތުރުވަމުންދިއުމުގެ ސަބަބުން ތަކުރާރުކޮށް ގިނަ އަދަދަކަށް ބައި-އިލެކްޝަން ބާއްވަން ޖެހޭތީކަމަށެވެ. އޭގެ ސަބަބުން އެ އިންތިހާބުތަކަށް ކުރަންޖެހޭ ހަރަދުތައް އިތުރުވަމުންދާ ކަމަށްވެސް އިސްލާހު ހުށައެޅުއްވި މަޤްސަދުގައި ވަނީ ބަޔާންކުރައްވާފަ އެވެ.