ސޯލާ ސިސްޓަމްގައިވާ ޕްލެނެޓެއް ކަމަށްވާ މާސްގައި އިންސާނުންނަށް އާބާދު ވެވިދާނެ ކަމުގެ އާ އުއްމީދެއް ސައިންސްވެރިންނަށް ލިބިއްޖެ އެވެ.
ފަލަކީ ނިޒާމުގައިވާ ޕްލެނެޓްތަކުގެ ތެރެއިން އިންސާނުން ދިރިއުޅެމުން އަންނަ ބިމާ އެންމެ އެއްްގޮތް ސިފަތަކެއް ހުރީ މާސްގައި ކަމަށްވީ ނަމަވެސް މި ވަގުތު އެ ޕްލެނެޓަކީ އިންސާނުންނަށް ވަރަށް ފިނި ޕްލެނެޓެކެވެ.
އެހެން ނަމަވެސް ޔުނިވާސިޓީ އޮފް ޗިކާގޯ އާއި ނޯތުވެސްޓަން ޔުނިވާސިޓީ ގުޅިގެން މިވަނީ މާސްގެ ފިނި ހޫނުމިން ހަމައަކަށް އެޅުވޭނެ ގޮތެއް ހޯދާފަ އެވެ.
އެގޮތުން ދަގަނޑާއި އެލުމިނިއަމް އެއްކޮށް މާސްގެ ސަތަހައަށް ދޫކޮށްލުމުން އެތަކެތިން އިރުގެ ހޫނު ހިފަހައްޓައިދޭ ކަމަށް އެ ޔުނިވާސިޓީތަކުގެ ސައިންސްވެރިން ބުނެ އެވެ.
މިގޮތަށް ކަން ކޮށްގެން މާސްގެ ފިނިހޫނުމިން ކޮންޓްރޯލް ކުރެވިއްޖެނަމަ މުސްތަގްބަލުގައި އެ ޕްލެނެޓް ވެގެންދާނީ އިންސާނުންގެ އާ އާބާދަކަށެވެ.
މާސްގެ ސަތަހައިގެ ތިންބައިކުޅަ އެއްބަޔަކީ ފެން ކަމަށްވާއިރު މި ފެނަކީ އިންސާނުންނަށް ރައްކާތެރި އެއްޗެއް ކަމަށް ވެސް މީގެ ކުރިން ހެދިފައިވާ ދިރާސާތަކުން ދައްކަ އެވެ.