ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު، މާލޭ ސިޓީ ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވައި މާލޭ ސިޓީގެ ތަރައްޤީއާ ގުޅޭ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މާލޭ ސިޓީ ކައުންސިލުގެ އިދާރާގަ އެވެ.
މި ބައްދަލުކުރެއްވުމުގައި، މިހާރު މާލެ ސިޓީގެ ތަރައްގީއަށް ކުރަމުންދާ މަސައްކަތްތަކުގައި ކުރިމަތިވާ ގޮންޖެހުންތައް ކައުންސިލް މެންބަރުން ރައީސްއާ ހިއްސާކުރެއްވި އެވެ. އެގޮތުން ގޯތި ގެދޮރުގެ މައްސަލައަށާއި މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އެދެވޭ ހައްލެއް ހޯދުމަށް ކުރެވެންހުރި ކަންކަމާގުޅޭ ގޮތުން މަޝްވަރާކުރެއްވި އެވެ. އަދި މާލޭގެ ސަހަރާތައް ތޮއްޖެހުމުގެ މައްސަލައާއި ކައުންސިލް ހިދުމަތްތައް އެއްފުރާޅެއްގެ ދަށުން ނުދެވޭތީ ކުރިމަތިވާ ގޮންޖެހުންތައް ރައީސް އާ ހިއްސާކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މާލެ ސިޓީ ކައުންސިލްގެ ހިދުމަތް އެއްފުރާޅެއްގެ ދަށުން ދިނުމަށް މި ސަރުކާރުން މިހާރު ކުރައްވަމުންދާ މަސައްކަތްތަކުގެ ތަފްސީލު ދެއްވައިފަ އެވެ. މާލެ ސިޓީ ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތް ފުރިހަމައަށް ދިނުމަށް ސަރުކާރުން ސިޓީ ކައުންސިލަށް ބޭނުންވާނެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ. މީގެ އިތުރުން ވެސް ޓްރެފިކްގެ މައްސަލަ ހައްލުކުރުމަށާއި، ގެދޮރުވެރިކަންފަދަ ރައްޔިތުންނާ އެންމެ ގުޅުންހުރި ކަންކަމުގައި ސިޓީ ކައުންސިލުގެ ބައިވެރިވުން ވެސް ހިމަނުއްވައިގެން ކުރިއަށް ގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
މި ބައްދަލުވުމަށް ފަހު ރައީސް ވަނީ މާލެ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ވެސް ބައްދަލުކުރައްވައިފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު މާލެ ސިޓީ ކައުންސިލަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނު ވަނީ މާލެ ސިޓީ ކައުންސިލް އިދާރާގެ ޢިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވައިފަ އެވެ.