ސެންޓްރަލް އޭޝިއާގެ ގައުމެއް ކަމަށްވާ ތަޖިކިސްތާނުގެ އާއްމު ތަންތަނުގައި އެގައުމުގެ މުސްލިމް އަންހެނުން ބުރުގާ އަޅައިގެން އުޅުން މަނާކޮށްފި އެވެ.

ތަޖިކިސްތާނުގައި ބުރުގާ އެޅުން މަނާކުރިއިރު، އެގައުމަކީ މުސްލިމް މެޖޯރިޓީއެއް އޮންނަ ގައުމެކެވެ. އެ ގައުމުގެ އާބާދީގެ 90 ޕަސެންޓަކީ މުސްލިމުންނެވެ.

ޖުލައި މަހު އެގައުމުގެ މަޖިލީހުން ފާސްކުރި އަމުރުގައި ބުނެފައިވަނީ ތަޖިކިސްތާނުގެ ސަގާފަތާ ނުގުޅޭ ހެދުން އަޅައި އުޅުމަކީ މަނާ ކަމެއް ކަމަށެވެ. މިއީ އާއްމުކޮށް އިސްލާމުން އަޅައި އުޅޭ ހެދުމަށް އިޝާރާތް ކުރަން އެގައުމުން ބޭނުންކުރާ އިބާރާތެކެވެ. އެގައުމުގެ ސަރުކާރުން ދެކޭ ގޮތުގައި ބުރުގާ އެޅުމަކީ ދީނީ ހައްދުފަހަނައަޅައި ދިއުމުގެ ނިޝާނެކެވެ.

ބުރުގާ އެޅުން މަނާ ކުރިތާ މަހެއް ފަހުން އެގައުމުން ވަނީ ކަޅު ހެދުން އެޅުން ވެސް އަންހެނުންނަށް މަނާކޮށްފަ އެވެ. އޭގެ އިތުރުން ގަޔަށް ބާރު ހެދުމާއި އެތެރެ ފެންނަ ހެދުން އެޅުމަކީ ވެސް މަނާ ކަމެކެވެ.

މި އަމުރާ ހިލާފުވާ ފަރާތްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ސަރުކާރުގެ އެ އަމުރުގައި ވަރަށް ސާފުކޮށް ބުނެފައިވެ އެވެ.